މާސްކް ނާޅައި އުޅުނު ހަތަރު މީހަކު ޖޫރިމަނާ ކޮށްފި

ޕިކަޕް ޑްރައިވަރަކު މާސްކު އަޅައިގެން
ޕިކަޕް ޑްރައިވަރަކު މާސްކު އަޅައިގެން
އާދިއްތަ , 02 އޮގަސްޓް 2020 | 10:50

ކޮވިޑް-19 ގެ ބަލިމަޑުކަން ނައްތާލުމަށްޓަކައި މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަށް މަޖުބޫރު ކުރިފަހުން އެ އެންގުމާ ހިލާފުވި ހަތަރު މީހަކު ޖޫރިމަނާ ކޮށްފިއެވެ.

ހެލްތް އިމަޖިންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނީ މިހާތަނަށް 116 ފަރާތަކަށް ނަސޭހަތްދީ ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށެވެ. މާލެ ސަރަހައްދުގައި މީހުން އެއްވެ އުޅޭ ތަންތަނުގައި މާސްކް ނާޅާ މީހުން 1،000ރ. އިން ޖޫރިމަނާ ކުރަން އެޗްޕީއޭ އިން ނިންމައި އަމަލުކުރަން ފެށީ އޮގަސްޓް 1 ވަނަ ދުވަހުއެވެ. މާސްކް އެޅުމަށް މަޖުބޫރު ކުރީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުންނެވެ.

އެޗްޕީއޭ އިން ނެރުނު އެންގުމުގައި ބުނެފައިވަނީ ގެއިން ބޭރުގައި އުޅޭ އިރު އަނގަ އާއި ނޭފަތް އަދި ދަތްދޮޅި ނިވާ ވާގޮތަށް މާސްކް އަޅަންޖެހޭނެ ކަމަށެވެ.

އަދި އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި، ބޮޑެތި މީހުން ކަސްރަތު ކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުން އަދި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި، މާސްކް ނަގަން ނޭނގޭ މީހުން މި އެންގުމުން އިސްތިސްނާ ވާނެ ކަމަށް އެ އެންގުމުގައި ބުނެފައިވެއެވެ. އަދި މާސްކް ނާޅާ އުޅޭ މީހުންނަށް ފުރަތަމަ ނަސޭހަތްދީ، ދެވަނަ ފަހަރަށް ނަސޭހަތް ދިނުމުން ވެސް އެކަން ރަނގަޅު ނުކޮށްފި ނަމަ ޖޫރިމަނާ ކުރާނެ ކަމަށް އެޗްއީއޯސީން ބުނެއެވެ.