ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ޑރ. އަބްދުﷲ މައުސޫމް އައްޔަންކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ބުރާސްފަތި , 06 އޮގަސްޓް 2020 | 15:04

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ޑރ. އަބްދުﷲ މައުސޫމް އައްޔަނުކުރައްވައިފި އެވެ.

ޑރ. އަބްދުﷲ މައުސޫމް މީގެ ކުރިން ހުންނެވީ ހުންނެވީ ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގައެވެ. ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ޑރ.ޢަބްދުﷲ މައުސޫމް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ރައީސް މިއަދު ވަނީ އަރުއްވާފައެވެ.

ޑޮކްޓަރ ޢަބްދުﷲ މައުސޫމް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބްރިމިންގްހަމް އިން ޑޮކްޓަރ އޮފް ފިލޮސޮފީ، އަރބަން އެންޑް ރީޖަނަލް ސްޓަޑީޒް ހާސިލުކުރައްވާފައެވެ. އަދި މީގެ ކުރިން އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އުލްސަރ އިން ހޮޓެލް އެންޑް ކޭޓަރިންގެ ދާއިރާއިން މާސްޓަރ އޮފް ސައިންސް ވެސް ހާސިލުކުރައްވާފައެވެ.
ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް މަޤާމުގެ ހުވައިކުރެއްވުމާއި، އެމަނިކުފަނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އަދި މި ރަސްމީޔާތުގައި ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރެވެ. ހުވައިކުރެއްވުމަށްފަހު، ޑޮކްޓަރ ޢަބްދުﷲ މައުސޫމް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަނީ ހުވާކުރައްވާފައެވެ.


ޑޮކްޓަރ ޢަބްދުﷲ މައުސޫމް އެންމެފަހުން އަދާކުރެއްވި މަގާމުތަކުތެރޭގައި، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމާއި ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމު ވެސް ހިމެނެއެވެ.

ޑޮކްޓަރ ޢަބްދުﷲ މައުސޫމް ވަނީ 2008 ވަނަ އަހަރު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަގާމާއި ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަގާމާއި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ މަގާމާއި 2009 ވަނަ އަހަރު ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަގާމުތައް ފުރުއްވާފައެވެ. އަދި، އެމަނިކުފާނު ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑް މެންބަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ.