ކާޑެއްދޫ އެއާޕޯޓްގެ ހާލަތު ބޭނުންކުރެވޭ ވަރަށްވުރެ ދަށް: މެމްބަރު ފިރުޝާން

މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން
މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން
ބުދަ , 12 އޮގަސްޓް 2020 | 15:12

ކާޑެއްދޫ އެއާޕޯޓްގެ ހާލަތު ބޭނުންކުރެވޭ ވަރަށްވުރެ ދަށްކަމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފިރުޝާން ވިދާޅުވީ ކާޑެއްދޫ އެއާޕޯޓަކީ އިންސާނުން ބޭނުންކުރަން ހެޔޮ ވާވަރަށްވުރެ ހާލަތު ދަށަށް ގޮސްފައިވާތަނެއްކަމަށެވެ.

އެއާޕޯޓްގައި މުވައްޒަފުން ބޭނުންކުރާ ފާހަނައަކީ އިންސާނުން ބޭނުންކުރަން ހެޔޮވާވަރުގެ ތަނެއް ނޫންކަމަށާއި ނިދަން ބޭނުންކުރާ ކޮޓަރިތަކަކީ އިންސާނުން ތިބެން ހެޔޮވާވަރުގެ ތަނެއް ނޫންކަމަށް ފިރުޝާންވަ ވިދާޅުވި އެވެ.

ވާރެވެހިއްޖެއްޔާ ކޮޓަރިތަކަށް ފެންވަދެ މަދިރީގެ އުނދަގޫ އެހާބޮޑު އަދި އެއާޕޯޓްގެ އޮޕަރޭޝަންތައް ހިންގަނީ މުވައްޒަފުންލައްވާ ގަދަކަމުން. އަދި ކަރަންޓް ކެނޑި އިންޖީނު ހަލާކުވުމުގެ ޝަކުވާ ބޮޑު. ރާއްޖޭގެ އެއާޕޯޓްތައް މި ފެންވަރަށް ވެއްޓުނީމަ އެކަމާ ލަދުގަންނަންޖެހޭނެ.

- މެމްބަރު ހުސައިން ފިރުޝާން

ކުރީގެ ސަރުކާރުގައި އެއާޕޯޓް ތަރައްގީކުރުމަށް ކުންފުންޏަކަށް ހަވާލުކުރި އެވެ.

އެ މަސައްކަތްތައް ނުކުރެވި އޭރުގައި ހުރި ފެންވަރަށްވުރެ ދަށްކޮށް އެއާޕޯޓްގެ މަސައްކަތްތައް ގެންގޮސްފައިވާކަމަށް ފިރުޝާނު ވިދާޅުވިއެވެ.

އެގޮތުން މުޅި އެއާޕޯޓްގައި މުދާ އުފުލުމަށް ގެންގުޅެނީ އެންމެ އުޅަނދެއްކަމަށާއި، ޓާރމިނަލްއިން ބޯޓަށް މުދާ އުފުލުމަށްވެސް ގެންގުޅެނީ ހަމަ އެންމެ އުޅަނދެއް ކަމަށް ފިރުޝާނުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަދި އެއާޕޯޓްގެ މި ހާލަތު، މުވައްޒަފުންގެ ފަރާތުން ތަކުރާރުކޮށް މި ޝަކުވާ ކޮށްފައިވާނެކަމަށް ފިރުޝާނުވިދާޅުވިއެވެ. އިތުރަށް ފިރުޝާން ވިދާޅުވީ އެހެން އެއާޕޯޓްތަކާއި ކާޑެއްދޫ އެއާޕޯޓްގެ މުވައްޒަފުންގެ މުސާރާއިގެ ބޮޑު ފަރަގެއް ގެންގުޅޭކަމަށެވެ. އަދި މި މައްސަލަތައް ހައްލުކޮށްދިނުމަށް އެދި މިދިޔަ ޖުލައި މަހުގެ ތެރޭގައި ސިޓީއަކުން މި މައްސަލަ ޓްރާންސްޕޯޓް މިނިސްޓަރަށް ހުށަހަޅާފައިވާކަމަށް ފިރުޝާނު ވިދާޅުވި އެވެ. އަދި އެއާޕޯޓްގައި ހިމެނޭ ފޮޓޯތަކާއެކު މިނިސްޓްރީއަށް ހުށަހަޅާފައިވާނެކަމަށް ފިރުޝާނު ވިދާޅުވިއެވެ. އަދި ވީހާވެސް އަވަހަށް މިކަމަށް ހައްލެއް ހޯދައިދިނުމަށް އެދޭކަމަށް ފިރުޝާން ވަނީ މިއަދުގެ ޖަލްސާގައި ވިދާޅުވެފަ އެވެ.