ފައްޔާޒުގެ ނޯ ކޮންފިޑެންސް ވޯޓަކީ ޑްރާމާއެއް: މެމްބަރު ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ބުރާސްފަތި , 13 އޮގަސްޓް 2020 | 12:36

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ނަންގަވަން އުޅުއްވާ ނޯކޮންފިޑެންސް ވޯޓަކީ ޑްރާމާއެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ ނޯ ކޮންފިޑެންސް ވޯޓު ނެގުމަށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެމްބަރުން ވަނީ އިއްޔެ ސޮއި ކުރައްވާފައެވެ. އެކަމުގައި އިސްކޮށް އުޅުއްވަނީ ރައީސް ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކަމަށް ބައެއް މެމްބަރުން ވިދާޅުވެ އެވެ.

ޝިޔާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މަޖިލީހަށް ވައްދަން ކުރާ މަސައްކަތަކީ ޑްރާމާ އެއް ކަމަށާއި އެއީ މި ސަރުކާރުގެ ނާގާބިލުވެފައި ވުމުގެ ނާޖާއިޒު ފައިދާ ނަގައި ރައްޔިތުންގެ ފޯކަސް ގެއްލުވާލަން ކުރާ ކަމެއް ކަމަށެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 10 މެމްބަރެއްގެ ސޮއެވެ. މެމްބަރު ވިދާޅުވީ މިހާރު ގާތްގަނޑަކަށް 20 ވަރަކަށް މެމްބަރުން އެ ލިސްޓުގައި ވަނީ ސޮއި ކުރައްވާފައި ކަމަށެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.

މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު އެމްޑީޕީ ތަމްސީލު ކުރައްވާ 65 މެމްބަރުން ތިއްބަވަ އެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރައްވަމުން ގެންދަވާއިރު މިއީ އެމްޑީޕީގެ ސްލޮޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާ ފުރަތަމަ ފަހަރެވެ.