އިދިކޮޅަށް ތާއީދުކޮށް ރައީސް ޔާމީން މިނިވަން ކުރުމަށް ޑީއާރުޕީން ގޮވާލައިފި

ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު
ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު
އާދިއްތަ , 13 ސެޕްޓެމްބަރ 2020 | 14:31

ސަރުކާރާއި ދެކޮޅަށް ހަދާފައިވާ ކޯލިޝަންގައި ހިމެނޭ ދެ ޕާޓީ، ޕީޕީއެމްއާއި ޕީއެންސީގެ ހަރަކާތްތަކަށް ތާއީދިކޮށް، އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ޑީއާރުޕީ އިން ގޮވާލައިފި އެވެ.

ދިވެހިންގެ ބިމަށް ވެރިވެގަންނަން އިންޑިޔާއިން ކުރަމުންދާ މަސައްކަތުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭކަމަށް ބުނެ އިދިކޮޅުން ވަނީ "އިންޑިޔާ އައުޓް" ގެ ނަމުގައި ކެމްޕެއިނެއް ފަށައިފަ އެވެ. މި ކެމްޕެއިނުގެ ތެރޭގައި މަގުމަތީ ހަރަކާތް ހިންގައި، މުޒާހަރާތައް ވެސް ބާއްވަ އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ލީޑަރަކަށް ހުންނެވި އަދި އިދިކޮޅު ޕީޕީއެމާ އެކު ކޯލިޝަނަކުން މަސައްކަތް ކުރަން ހުށަހަޅާފައިވާ ޑީއާރުޕީން ކުރި ޓުވީޓެއްގައި ބުނީ ރައްޔިތުން މަގުމައްޗަށް ނުކުތުމުން ހުއްޓުވުމަކީ ސަރުކާރުން މިނިވަންކަމަށް އަރައިގަތުން ކަމަށެވެ. އެކަން ހަރުކަށިކޮށް އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުން އުފެއްދި އެމްޑީޕީގެ މި ވެރިކަމުގެ ވެރިއަކީ ކޮންބޭފުޅެއް ކަން އޮޅިފައިވާ ކަމަށް ބުނެވެސް ޑީއާރުޕީގެ ޓުވީޓުގައި ވަނީ ފާޑުކިޔައިފަ އެވެ.

ޑީއާރުޕީން މިފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާއިރު ސަރުކާރުން ކުރާ ބައެއް ކަންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ބަސް ނުހިނގާކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ދުރުކުރުމަށް ރައީސް ޞާލިހާއި ދެކޮޅަށް، މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ މަސައްކަތްތަކެއް ފައްޓަވައިފަ އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން ދޫކޮށްލަން ޑީއާރުޕީން ގޮވާލިއިރު އެމަނިކުފާނު ދޫކޮށްލަން އެދި މަޖިލިހަށް ޖާބިރު ގަރާރެއް ވެސް ވެއްދެވި އެވެ. އެކަމަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އެ ގަރާރު ބޭރުކޮށްލީ އެވެ.

އިދިކޮޅު ކޯލިޝަނުން ކުރާ މަސައްކަތްތަކަށް ޑީއާރުޕީން ތާއީދުކުރި ނަމަވެސް އިދިކޮޅު ކޯލިޝަންގެ ތެރޭގައި ރަސްމީކޮށް ޑީއާރުޕީ ހިމަނާފައިވާކަން މިހާތަނަށް އިއުލާން ކޮށްފައެއް ނުވެއެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އިދިކޮޅު ކޯލިޝަނުން ބުނީ ޑީއާރުޕީއާއެކު މަޝްވަރާތަކެއް ކުރެވުނު ނަމަވެސް އިދިކޮޅު ކޯލިޝަންގައި ހިމެނެނީ ހަމައެކަނި ޕީޕީއެމްއާއި ޕީއެންސީ ކަމަށެވެ.