ރާއްޖެ އިންޑިޔާ ގުޅުމަށް ފާޑު ކިޔަނީ ތަރައްގީ ހަޖަމު ނުވާ މީހުން

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ހޯމަ , 14 ސެޕްޓެމްބަރ 2020 | 21:38

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމަށް ފާޑުކިޔަނީ މި ސަރުކާރުން ގެންނަ ތަރައްގީ ހަޖަމް ނުވާ މީހުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އިން ދީފައިވާ ހިލޭ އެހީގައި މ. ކޮޅުފުށީގެ މަގު ބައްތި ހަރުކޮށް ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ ވަރަށް ގާތް އަދި ވަރަށް ހާއްސަ ގުޅުމެއް ކަމަށެވެ. މިގުޅުން ބަލައި ނުގަނެވިގެން އުޅެނީ ތަރައްގީ ހަޖަމް ނުވާ މީހުންކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމެއް.... އެކަން ގަބޫލު ނުކުރެވިގެން އުޅޭ ބަޔަކީ މި ސަރުކާރުން ހިންގަވާ ތަރައްގީގެ މަޝަރޫތަކަށް، އެ ތަންތަން ފެނި އެކަމަށް ހިތްދަތިވާ ފަރާތްތައް

- ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ރާއްޖޭގައި ހިންގާ އެންމެ ކުދި މަޝްރޫތަކުން ފެށިގެން ގޮސް އެންމެ ބޮޑެތި މަޝްރޫތަކަށް ވެސް އިންޑިއާ ސަރުކާރުގެ ބޮޑު އެހީއެއް ލިބެމުން އަންނަ ކަން ފާހަގަކުރައްވައި އެކަމަށް ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައި އޮތްއިރު ވެސް މި ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށާއި، އޭގެތެރޭގައި ރަށްރަށުގައި މަގު ބައްތި ޖެހުމާއި ބަނދަރު ހެދުމާއި ނަރުދަމާގެ މަސައްކަތްތައް ހިމަނޭ ކަމަށެވެ.

Articl Inline Image

ޝާހިދު ވިދާޅުވީ އެ މަޝްރޫއުތަކުގެ އިތުރުން ވެސް މި ސަރުކާރުން ބޮޑެތި މަޝްރޫއުތައް ރާވައި ފަށަން ގާތްވެފައި އެބަހުރި ކަމަށެވެ. ދިވެހިންނަށް މިހާރު އެންމެ ބޭނުންވެފައިވާ އެއް ކަންތައް ކަމަށްވާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ވެސް މިއަހަރު ތެރޭގައި ފަށަން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫ ކަމަށްވާ ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫ ވެސް އަވަސް މުސްތަގުބަލެއްގައި ފަށަން ތައްޔާރުވެފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އިންޑިޔާއާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުމަށް ފާޑު ކިޔަނީ ހަޖަމު ނުވާ މީހުންކަމަށް ޝާހިދު ވިދާޅުވިއިރު، އިންޑިޔާއިން ދިވެހި ބިމަށް ވެރިވާން އުޅޭ ކަމަށް ބުނެ އެންމެ ބޮޑަށް ފާޑު ކިޔަމުން ދަނީ އިދިކޮޅު ކޯލިޝަނުންނެވެ. އިދިކޮޅުން ބުނާ ގޮތުގައި އިންޑިޔާ ސިފައިން ރާއްޖެ ގެނަސް މި ސަރުކާރުން މަސައްކަތް ކުރަނީ މިތަނުގައި އެމީހުން ދާއިމަށް ބައިތިއްބާށެވެ. އަދި އޭގެ ސަބަބުން ދިވެހިންގެ މިނިވަންކަން ގެއްލޭނެކަމަށްވެސް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.