ނެލްސަން މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާ ކަރެކްޝަންސް އާ ހަވާލުކޮށްފި

ނެލްސަން މަންޑޭލާ ރޫލްސްގެ ތަރުޖަމާ ހަވާލު ކުރަނީ
ނެލްސަން މަންޑޭލާ ރޫލްސްގެ ތަރުޖަމާ ހަވާލު ކުރަނީ
ހުކުރު , 18 ސެޕްޓެމްބަރ 2020 | 14:57

"ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯ ދަ ޓްރީންޓްމަންޓް އޮފް ޕްރިޒަނާސް" ނުވަތަ "ނެލްސަން މަންޑޭލާ ރޫލްސް"ގެ ދިވެހި ތަރުޖަމާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާ ހަވާލުކޮށްފި އެވެ.

ނެލްސަން މަންޑޭލާ ރޫލްސް"ގެ ދިވެހި ތަރުޖަމާ ކަރެކްޝަންސް އާ ހަވާލުކުރީ އެކަމަށް ޓަކައި މާލޭ ޖަލުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވަނީ ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުގެ ތެރެއިން ރާއްޖޭގެ ޖަލުތަކަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ތަނެއްގެ ގޮތުގައި ހެޔޮ ބަދަލު ގެނައުމަށް އިސް ސަފުގައި މަސައްކަތްކުރަމުންދާ ސީނިއާ މެނޭޖްމަންޓާއި އޮފިސަރުން ކުރާ މަސައްކަތަށް ޝުކުރުއަދާކުރައްވައިފަ އެވެ.

އަދި "މަންޑޭލާ ރޫލްސް"އާ އެކު ފަށައިގަނެވުނު މަސައްކަތުން އިތުރު ޒިންމާތަކަކާއި ވާޖިބުތަކެއް ދަސްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ކަމަށް ވެސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން މިއަހަރަށް ރޭވުނު ގިނަ މަސައްކަތްތަކެއް މަޑުޖެހި، ހުއްޓިފައިވީ ނަމަވެސް، ހިތްވަރުކޮށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެ ފޮތް ތަރުޖަމާކުރެވި، ކަރެކްޝަންސް އާ ހަވާލުކުރެވި، އަންނަ ހަފްތާއިން ފެށިގެން އޮފިސަރުންނަށް އެއާ ގުޅޭ ތަމްރީންތައް ދޭން ފެށޭވަރު ވާނެ ކަމަށެވެ.

ޔޫއެންއޯޑީސީ އާއި ހޯމް މިނިސްޓްރީ އަދި ކަރެކްޝަންސް ގުޅިގެން މި މަހުގެ 20 ން 26 އަށް "ނެލްސަން މަންޑޭލާ ރޫލްސް" ފޮތާ ގުޅޭ ތަމްރީނުގެ ފުރަތަމަ ބެޗު ފަށާނެ އެވެ.

އެ ސެޝަންތައް ފެސިލިޓޭޓް ކޮށްދޭނީ ޔޫއެންއޯޑީސީގެ ފަރާތުން ކަމުގެ ހާއްސަ ކޮންސަލްޓަންޓެކެވެ. އަދި ކުރިއަށް އޮތްތަނުގައި ހުރިހާ އޮފިސަރުންނަށް އެ ތަމްރީން ޕްރޮގްރާމް ހިންގާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

"ނެލްސަން މަންޑޭލާ ރޫލްސް" އަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށާއި މުއާހަދާތަކާ އެއްގޮތަށް ގައިދީންނާއި ބަންދުގައި ތިބޭ މީހުންނާ މެދު އަމަލުކުރަންޖެހޭ ގޮތުގެ އެންމެ ދަށް މިންގަނޑުތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ފޮތެކެވެ.

"މަންޑޭލާ ރޫލްސް" ދިވެހި ބަހަށް ތަރުޖަމާކޮށް ޝާއިއުކުރީ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ.