ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭގޮތް ހެދުމަށް ޚުތުބާގައި ގޮވާލައިފި

އިސްލާމީ މަރުކަޒުގައި ބަޔަކު ހުކުރު ހުތުބާ އަޑު އަހަނީ
އިސްލާމީ މަރުކަޒުގައި ބަޔަކު ހުކުރު ހުތުބާ އަޑު އަހަނީ
ހުކުރު , 18 ސެޕްޓެމްބަރ 2020 | 15:38

ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭގޮތް ހެދުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ޙުތުބާ އަމާޒުކޮށްފައިވަނީ އިންޓަރނެޓްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދަރިންނަށް ދަސްކޮށްދިނުމާއި ގުޅޭ ގޮތުންނެވެ. އެގޮތުން މިއަދުގެ ޚުތުބާގައި ވަނީ އިންޓަނެޓްގެ ޚިދުމަތްދޭ ކުންފުނިތަކުގެ ވެރިންނާއި ހިއްސާދާރުންނަށް ބަރަހަނާ މަންޒަރުތައް އެކުލެވޭ ވެބްސައިޓްތަކަށާއި، އިސްލާމް ދީނާ ޚިލާފު ވާހަކަތަކާއި ދީނުގެ ނަމުގައި ޙައްދުފަހަނަޅައި ދިޔުމަށް ހިތްވަރުދެވޭ ވެބްސައިޓްތަކަށް، ނުވަދެވޭ ގޮތް ހެދުމަކީ އެބޭފުޅުންގެ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ.

އަދި އެފަދަ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށް ދެއްވުމަށް އިންޓަނެޓްގެ ޚިދުމަތްދޭ ކުންފުނިތަކުގެ ވެރިންނާއި ހިއްސާދާރުންނަށް ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ.

އިންޓަނެޓް ރައްކާތެރި ގޮތުގައި ބޭނުންކުރުމާއި، ދަރިންނަށް އިންޓަނެޓް ބޭނުން ކުރަން ދިނުމުގައި ޕޭރެންޓަލް ކޮންޓްރޯލާއި، ފެމިލީ ސޭފްޓީ ޤާއިމުކުރުމަކީ ކޮންމެ ބެލެނިވެރިއަކަށް ފަސޭހައިން އެނގޭ ކަމަކަށް ނުވެ ހިނގައިދާނެ ކަމަށާއި އެހެންކަމުން، އެކަން ކުރާނެ ގޮތްތައް ބެލެނިވެރިންނަށް ދަސްކޮށްދެއްވުމަށް އައިޓީ ދާއިރާގެ ބޭފުޅުންނަށް ވަނީ ގޮވާލައްވާފައެވެ. އައިޓީ ދާއިރާގެ ބޭފުޅުންގެ މަސައްކަތުން، ދިވެހި މުޖުތަމައުގެ ދަރިން، ނުރައްކަލަކުން ސަލާމަތްވެގެން ދިޔުމަށް ވުރެ ވަކިން ބޮޑު އުފަލެއް ނުވާނެކަމަށް ޙުތުބާގައި ފާހަގަކޮށްފައި ވެއެވެ.

ޚުތުބާގައި ވަނީ ދަރިވަރުންނަށް އިންޓަނެޓްގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ ގޮތްތައް، އެކުދިންގެ ބެލެނިވެރިންނަށް ދަސްކޮށް ދެއްވުމަށް މަދުރަސާތަކުގެ ވެރިންނާއި މުދައްރިސުންނަށް ގޮވާ ލައްވާފައެވެ. ހެޔޮ ޒިންމާދާރު ޑިޖިޓަލް ރައްޔިތެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންނާ އެކު މަދުރަސާތަކުގެ ވެރިންނާއި މުދައްރިސުންގެ ޒިންމާ ވެސް ބޮޑު ކަމަށާއި ދަރިވަރުންނަށް އިންޓަނެޓްގެ ބޭނުން ޒިންމާދާރުކަމާ އެކު ހިފުމުގެ މުހިއްމުކަން ވިސްނައިދީ، އެކަމަށް އެކުދިންނަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށް ވަނީ ގޮވާ ލައްވާފައެވެ.

އިންޓަނެޓުން ފެންނަހާ އެއްޗަކީ ތެދު މަޢުލޫމާތެއް ނޫންކަމާއި އޭގެ ތެދުދޮގު ނުބަލައި ފެތުރުމަކީ ނުބައިކަމެއް ކަމަށާއި މީހާއަށް އިވޭ ކޮންމެ ވާހަކައެއް އޭގެ ހަޤީޤަތް ބެލުމެއް ނެތި ފެތުރުމުކީ، ދޮގު ހެދުން ފަދަ ނުބައި ކަމެއްކަން ނަބަވީ އިރުޝާދުތަކުން އެނގި ބަޔާންވެގެންވާ ކަމަށް ވަނީ ބުނެފައެވެ.

އިންޓަނެޓްގެ ބޭނުން ހެޔޮގޮތުގައި، ޒިންމާދާރުކަމާ އެކު ހިފުމަށް ދަސްކުރުމަށް ޒުވާނުންނަށްވެސް ވަނީ ގޮވާލައްވާފައެވެ. މުސްލިމް، ޒިންމާދާރު، ޑިޖިޓަލް ދިވެހި ރައްޔިތަކަށްވުމަށް ވުމަށް ގަދައަޅައި މަސައްކަތްކުރުމަށާއި ތިމާގެ ދީނާއި، ތިމާގެ ވަތަނާއި، ތިމާގެ މައިންބަފައިން އެކުއްޖަކާ މެދު ފަޚުރުވެރިވާ ފަދަ ދަރިއެއް ކަމުގައި ވުމަށް ގަދައަޅައި މަސައްކަތް ކުރާމަށްވެސް ޚުތުބާގައި ގޮވާލެއްވިއެވެ.