'އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެގެން ކުރި ޖޫރިމަނާގެ ފައިސާ އަނބުރާ ދޭން ޖެހޭ'

މަގުމަތި ބެލެހެްޓުމުގައި ފުލުހުން ހަރަކާތްތެރިވަނީ
މަގުމަތި ބެލެހެްޓުމުގައި ފުލުހުން ހަރަކާތްތެރިވަނީ
ބުދަ , 23 ސެޕްޓެމްބަރ 2020 | 16:06

ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ކަނޑައެޅި އުސޫލުތަކާއި ހިލާފުވެގެން ޒުވާނުން އަތުން ނެގި ޖޫރިމަނާ ފައިސާ އަނބުރާ އެމީހުންނަށް ދޭން ޖެހި، އުސޫލުގެ ސައްހަ ކަމާއިމެދު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ސުވާލު އުފައްދަވައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެހެން ގައުމަކަށް ގޮސްފައި އެނބުރި ރާއްޖެ އައުމުން 14 ދުވަސް ކަރަންޓީނު މުއްދަތުގެ ގޮތުގައި ހޭދަކުރަން ޖެހެއެވެ. އެހެންނަމަވެސް މިމަހުގެ 19 ވަނަ ދުވަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބޭރަށް ވަޑައިގެންނެވުމަށްފަހު ޖެހިގެން އައި ދުވަހު މާލެ ވަޑައިގެން ކަރަންޓީނު ވުމަކާއި ނުލައި އެދުވަހު އޮތް ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މިކަމާއި ގުޅުވައި ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ސަރުކާރުންވެސް ގަބޫލު ނުކުރާ ކަން ޝާހިދުގެ އަމަލުތަކުން ސާބިތިވެއްޖެ ކަމަށެވެ. އަދި އެ އަމަލުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ނުރައްކަލެއްގެ ތެރެއަށް ވައްޓައިލެވިއްޖެކަމަށް ޖަމީލު ވިދާޅުވި އެވެ.

އިތުރަށް އޭނާ ވިދާޅުވީ ސަރުކާރުން ޝާހިދަށް ހާއްސަ ހުއްދައެއް ދީ އިވެންޓެއްގައި ބައިވެރިކުރުވުން އެއީ ރަނގަޅުކަމަކަށް ވާނަމަ، އެތައް ޒުވާނުންނަކަށް ކުރި ޖޫރިމަނާ ބާތިލް ވާނެ ކަމަށެވެ. އަދި ޖޫރިމަނާ ފައިސާ އަނބުރާ ދޭންޖެހޭނެ ކަމަށާއި ގާނޫނުގެ ހުކުމް ސަމާސާއެއް ކަމަށް ދެކެނީތޯ އޭނާ ވަނީ ސުވާލު ކުރައްވާފަ އެވެ.

ކަރަންޓީންގެ މުއްދަތު ފުރިހަމަ ނުކުރައްވާ މިނިސްޓަރު ޝާހިދު އިވެންޓްތަކުގައި ބައިވެރިވެވަޑައިގަންނަވާތީ އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ޝާހިދު ބޭރަށް ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއްގައިކަން ފާހަގަކޮށް ގިނަ ބަޔަކު ބުނަނީ އެފަދަ ދަތުރަކާއި ގުޅިގެން ހާއްސަ ހުއްދައެއް ދެވުމަކީ އިންސާފެއް ނޫންކަމަށެވެ.

މި ފާޑުކިޔުންތަކާއި ގުޅިގެން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ މިނިސްޓަރު ޝާހިދު ގެންދަވަނީ ކަރަންޓީން މުއްދަތު ފުރިހަމަ ކުރައްވަމުން ކަމަށެވެ. އަދި މުހިންމު ބައެއް އިވެންޓްތަކުގައި މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް މިއުވާން ވިދާޅުވި އެވެ.