ހިފެހެއްޓި 48،000 ޑޮލަރު ދޭން ކުރި އަމުރު ބާތިލް ކޮށްފި

ޑިކްލެއާ ނުކޮށް ގެންދަން އުޅުނު ޑޮލަރުތައް ހިފެހެއްޓުމުން އެ ފައިސާ އަނބުރާ ދޭން ކުރި އަމުރު ވަނީ ބާތިލް ކޮށްފައި
ޑިކްލެއާ ނުކޮށް ގެންދަން އުޅުނު ޑޮލަރުތައް ހިފެހެއްޓުމުން އެ ފައިސާ އަނބުރާ ދޭން ކުރި އަމުރު ވަނީ ބާތިލް ކޮށްފައި
ބުރާސްފަތި , 24 ސެޕްޓެމްބަރ 2020 | 15:45

ބިދޭސީއަކު ރާއްޖެއިން ބޭރަށް ގެންދަން އުޅެނިކޮށް ހިފެހެއްޓި 48،000 ޑޮލަރު އަނބުރާ އެމީހާއަށް ދޭން ކްރިމިނަލް ކޯޓުން ކުރި އަމުރު، ހައި ކޯޓުން ބާތިލް ކޮށްފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބަންގްލަދޭޝްގެ ރައްޔިތަކު ރާއްޖެ އިން ބޭރަށް ފުރަން އުޅުނުއިރު، މޮބައިލް ފޯނު ލާން ގެންގުޅޭ ފޮއްޓަކަށް ލައިގެން އޭނާ ގެންދަން އުޅުނު 48،000 ޑޮލަރު ކަސްޓަމްސް އިން ހިފެހެއްޓީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން ޑިކްލެއާ ނުކޮށް އެ ފައިސާ ގެންދަން އުޅުމުންނެވެ.

ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން ހިފެހެއްޓޭ މުދަލާއި ފައިސާ އަނބުރާ ހޯދަން އެ މީހާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ފައިސާ އަނބުރާ ދޭން ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ ޖެނުއަރީ މަހު އެވެ.

އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ ފައިސާ ހިފަހައްޓާފައިވަނީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން ބާރު ލިބިގެން ކަސްޓަމްސް އިން ހަދާފައިވާ ގަވާއިދުގެ ދަށުން ކަމަށް ވާތީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ހިފެހެއްޓޭ މުދަލާއި ފައިސާ އަނބުރާ ހޯދުމުގެ މައްސަލަ ބަލާ އިޖުރައާތުގެ ތެރެއިން ކްރިމިނަލް ކޯޓަށް އެ މައްސަލަ ނުބެލޭނެ ކަމަށެވެ. އަދި ޖިނާއީ އިޖުރައާތުގެ ގާނޫނު އޮތްގޮތުން ކްރިމިނަލް ކޯޓަށް ބެލޭނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާ މުދަލާއި ފައިސާގެ މައްސަލަތައް އެކަނި ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައި ބުނާ ގޮތުން މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން ކަސްޓަމްސް އިން ހިފަހައްޓާ މުދަލާއި ފައިސާ އަނބުރާ ހޯދުމުގެ މައްސަލަތައް ބަލާނެ އިޖުރައާތެއް، ޖިނާއީ އިޖުރައާތުގެ ގާނޫނާއި މަނީ ލޯންޑްރިންގެ ގާނޫނުގައި ވެސް ބުނެފައި ނެތުމުން އެފަދަ މައްސަލަތައް ބަލަން ޖެހޭނީ މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮންނަ ކޯޓަކުންނެވެ. އެ ފައިސާ ހޯދަން ބޭނުންވާ ނަމަ، އެ މައްސަލަ ހުށަހަޅަން ޖެހޭނީ ސިވިލް ކޯޓަށް ކަމަށް އެ ހުކުމުގައިވެ އެވެ.

ހައިކޯޓުން ވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ ފައިސާ އަނބުރާ ދޭން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކޮށްފަ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސައިން މަޒީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސަމީރެވެ.

ބިދޭސީ މީހާ ރާއްޖެއިން ބޭރަށް ގެންދަން އުޅެނިކޮށް ހިފެހެއްޓި ފައިސާގެ އަދަދު ދިވެހި ރުފިޔާއިން ބަލާނަމަ 70 ލައްކައިން މައްޗަށް އަރަ އެވެ. ރާއްޖޭގެ ގާނޫނު އޮންނަ ގޮތުން ނަގުދު ފައިސާއިން 20،000 ޑޮލަރަށް ވުރެ މަތީ އަދަދެއް ރާއްޖެ އިން ބޭރަށް ގެންދާ ނަމަ ކަސްޓަމްސްގައި ޑިކްލެއާ ކުރަން ޖެހެ އެވެ.