ޝިޔާމާއި، ޣައްސާން ޕާކިސްތާނަށް ވަޑައިގެން ފެރީއާ ގުޅޭ މަޝްވަރާތަކެއް ކޮށްފި

ގައްސާން އާއި ޝިޔާމް ހިމެނިވަޑައިގަންނަވާ ޓީމަކުން ވަނީ ޕާކިސްތާނަށް ވަޑައިގެން މަޝްވަރާތަކެއް ކޮށްފައި
ގައްސާން އާއި ޝިޔާމް ހިމެނިވަޑައިގަންނަވާ ޓީމަކުން ވަނީ ޕާކިސްތާނަށް ވަޑައިގެން މަޝްވަރާތަކެއް ކޮށްފައި
ހޮނިހިރު , 26 ސެޕްޓެމްބަރ 2020 | 11:38

އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމާއި، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ޕާކިސްތާނަށް ވަޑައިގެން އެގައުމާއި ރާއްޖެ ފެރީގެ ހިދުމަތުން ގުޅާލުމަށް މަޝްވަރާކޮށްފި ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.

ބިޒްނަސް ރެކޯޑާ ކިޔާ ޕާކިސްތާނުގެ އޮންލައިން ނޫހެއްގައި އިއްޔެ ބުނި ގޮތުގައި ކޮންސިއަޖް ގްރޫޕް އޮފް މޯލްޑިވްސްގެ ޗެއާމަން ކަން ކުރައްވާ ޝިޔާމާއި ޣައްސާން ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގެ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ވިޔަފާރިވެރިންތަކެއް މިދިޔަ އަންގާރަ ދުވަހު ޕާކިސްތާން ނޭޝަނަލް ޝިޕިންގ ކޯޕަރޭޝަން (ޕީއެންއެސްސީ) ގެ ހެޑް އޮފީހަށް ވަޑައިގެން ކަނޑުމަގުން ޕާކިސްތާނުގެ ކަރާޗީ އާއި ސްރީލަންކާގެ ކޮލަމްބޯ އަދި މާލެއާ ދެމެދު ފެރީ ނިޒާމަކުން ގުޅާލުމުގެ މަޝްވަރާތަކެއް ކުރެއްވި އެވެ.

މި މަޝްވަރާތަކުގައި ޕާކިސްތާނުގެ ހައިކޮމިޝަނަރ ވައިސް އެޑްމިރަލް އަތަ މުޚްތަރް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އެ ނޫހުގައި ވެއެވެ. އަދި ޕީއެންއެސްސީގެ ޗެއާމަން ޝަކީލު އަހުމަދު މެގްނެޖޯ އާއި އެގްޒެކިއުޓިވް ޑިރެކްޓަރުން ރާއްޖޭގެ ވަފްދަށް މަރުހަބާ ދެންނެވި ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

މިދިޔަ އަންގާރަ ދުވަހު އޮތް މި މަޝްވަރާ ބައްދަލުވުމުގައި ޕާކިސްތާނާއި ދެމެދު ޑައިރެކްޓް ޝިޕިން ހިދުމަތް ފޯރުކޮށްދެވޭނެ ގޮތަކާ މެދުގައި ފުޅާ ދާއިރާއެއްގައި އެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް އޭގައި ބުނެ އެވެ.

އިދިކޮޅު ކޯލިޝަންގެ މަސްލަހަތު އޮންނަ ވިޔަފާރިވެރިންތަކެއް ޕާކިސްތާނާއި ރާއްޖެ ފެރީގެ ހިދުމަތުން ގުޅައިލުމުގެ މަޝްވަރާތަކެއް ކުރިއަށް ގެންދިޔައިރު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ މެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެ އާއި އިންޑިއާ ވަނީ ކާގޯ ފެރީއަކުން ގުޅާލައިފަ އެވެ.

ސަރުކާރުން ބުނާ ގޮތުގައި އިންޑިއާ ފެރީގެ ސަބަބުން ރާއްޖެއަށް މުދާ އިމްޕޯޓު ކުރުމަށް ލުއިތަކެއް ލިބިގެން ދާނެއެވެ. އަދި ރާއްޖެއިން ތަކެތި އެކްސްޕޯޓު ކުރާ ފަރާތްތަކަށްވެސް އޭގެ ސަބަބުން ފައިދާތަކެއް ކުރާނެ އެވެ.