މަނާ ގަޑީގައި މަގުމަތީ އުޅެގެން 4،433 މީހަކު ޖޫރިމަނާ ކޮށްފި

ލޮކްޑައުން ކޮށްފައިވާތީ މާލޭގައި ފުލުހެއް ހަރަކާތްތެރި ވަނީ
ލޮކްޑައުން ކޮށްފައިވާތީ މާލޭގައި ފުލުހެއް ހަރަކާތްތެރި ވަނީ
އާދިއްތަ , 27 ސެޕްޓެމްބަރ 2020 | 09:16

މަނާ ގަޑީގައި މަގުމަތީ އުޅެގެން 4،433 މީހަކު ޖޫރިމަނާ ކޮށްފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ހެޑް އޮފް މާލޭ ސިޓީ ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން އެޗް.ޕީ.އޭއިން އަންގާފައިވާ އެންގުންތަކާ ޚިލާފުވާ މީހުންގެ ޢަދަދު އިތުރުވާން ފަށާފައިވާކަމަށެވެ.

އެގޮތުން މަނާ ގަޑީގައި މަގުމަތީ އުޅެގެން 4،433 މީހަކަށް ނަސޭހަތްދީ، 2،195 މީހަކު ވަނީ ޖޫރިމަނާ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ވެހިކަލް ދުއްވުން މަނާ ގަޑީގައި ވެހިކަލް ދުއްވައިގެން 4،321 މީހަކަށް ނަސޭހަތްދީ، 781 މީހަކު ވަނީ ޖޫރިމަނާ ކޮށްފައިވާއިރު މިހާތަނަށް، މާސްކު ނާޅައިގެން 3،677 މީހަކަށް ނަސޭހަތްދީ، 1،798 މީހަކު ވަނީ ޖޫރިމަނާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރޭގަނޑު އެއްޗެހި ދުއްވުން މަނާގަޑިތަކުގައި ހަތަރު ފުރޮޅުލީ ވެހިކަލާ ސައިކަލު މަގުމަތީ އިތުރުވާކަން ފާހަގަވާކަމަށެވެ. ފުރަތަމަ ގަވައިދު ތަންފީޒު ކުރަން ފެށިއިރު ރަނގަޅު ނަތީޖާ އެއް ފެންނަމުން ދިޔަ ނަމަވެސް މިހާރު އަނެއްކާވެސް މަނާ ގަޑިތަކުގައި އެއްޗެހި ދުއްވާ މިންވަރު އިތުރުވެފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ރޭގަނޑު 9:30 ގެ ފަހުން ހުރިހާ ހޮޓާ ރެސްޓޯރަންޓް ތައްވެސް ބަންދުކުރަން ހަމަޖެހިފައި އޮތްނަމަވެސް އަނެއްކާވެސް ހުޅުވައިގެން ހިދުމަތްދޭ ތަންތަނުގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. އަދި މަނާ ގަނޑިތަކުގައި ޑެލިވަރީ ހިދުމަތް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.