ސޯމާލިއާގެ ސަރުކާރަށްވުރެ، ހަނގުރާމަވެރި ޖަމާއަތުން ހޯދާ އާމްދަނީ އިތުރު: ރިޕޯޓް

އަލް-ޝަބާބް ޖަމާއަތުގެ ހަނގުރާމަވެރިން. -- ފޮޓޯ / އޭޕީ
އަލް-ޝަބާބް ޖަމާއަތުގެ ހަނގުރާމަވެރިން. -- ފޮޓޯ / އޭޕީ
އަންގާރަ , 27 އޮކްޓޯބަރ 2020 | 13:49

ސޯމާލިއާގެ ސަރުކާރުގެ އިދާރާތަކުން ހޯދާ އާމްދަނީއެއްވުރެ ބޮޑު އާމްދަނީއެއް، އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ އަލް-ޝަބާބް ޖަމިއްޔާ އިން ހޯދާ ކަމަށް ރިޕޯޓަކުން ބުނެފި އެވެ.

ހިރާލުން އިންސްޓިޓިއުޓް އިން ނެރުނު ރިޕޯޓެއްގައި ބުނާގޮތުގައި، އަލް-ޝަބާބް ޖަމިއްޔާ އިން ބިރުދެއްކުމާއި އަނިޔާވެރިކަން ބޭނުންކޮށްގެން، މަހެއްގެ މައްޗަށް 15 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާ ކަމަށެވެ.

ސޯމާލިއާގެ ސަރުކާރާ ދެކޮޅަށް އަލް-ޝާބާބް އިން ކުރަމުންދާ ހަނގުރާމަ އަށް 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ޤައުމުގެ ބައެއް ވިޔަފާރިވެރިން ސަރުކާރާއި އަލް-ޝަބާބް ޖަމާއަތަށް ވިޔަފާރީގެ ފައިދާ އިން ފައިސާ ދައްކަމުންދާ ކަމަށް ރިޕޯޓްގައި ބުނެ އެވެ.

ސޯމާލިއާގެ ދެކުނާޢި މެދުތެރޭގެ ސަރަހައްދުތައް އަލް-ޝަބާބް ޖަމާއަތުގެ ކޮންޓުރޯލްގެ ދަށުގައި އޮތް ނަމަވެސް، އެ ޤައުމުގެ ސަރުކާރުގެ ބާރު ހިނގާ ސަރަހައްދުތަކަށް އެ ޖަމާއަތަށް އަތް ގަދަކުރެވޭ ގޮތެއް ނުވެ އެވެ.

"ޝަބާބް ޖަމާއަތަށް ޓެކްސް ދައްކާ ފަރާތްތައް އެކަންކުރަނީ އެ މީހުންގެ ފުރާނަ އަށް ނުރައްކާ ވެދާނެކަމުގެ ބިރުވެރިކަމުގެ ތެރެއިން،" ރިޕޯޓްގައި ބުނެފައިވެ އެވެ.

ސޯމާލިއާގެ ބޮޑެތި ހުރިހާ ކުންފުނިތަކުން އަލް-ޝަބާބް ޖަމާއަތަށް ފައިސާ ދޭ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. އެއީ މަހުން މަހަށް ނަގާ ފައިސާ އާއި ޒަކާތުގެ ގޮތުގައި ކޮންމެ އަހަރަކު އެ ޖަމާއަތުން ނަގާ ފައިސާ އެވެ. އަލް-ޝަބާބްގެ އާމްދަނީ އަހަރުން އަހަރަށް އިތުރުވަމުންދިޔަ ނަމަވެސް، ހަރަދުތައް އެއްވަރެއްގައި ހިފަހައްޓާތީ މާލީ ގޮތުން ސޯމާލިއާގެ ސަރުކާރަށްވުރެ އެ ޖަމާއަތް އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ރިޕޯޓުގައި ބުނާގޮތުގައި އަލް-ޝަބާބް އަށް ފައިސާ ނުދޭ ވިޔަފާރިވެރިންނާއި އާންމުން އެ ޖަމާއަތުން މަރާލައި، ނުވަތަ ވިޔަފާރިތައް ބަންދުކުރަން ވެސް މަޖުބޫރުކުރުވާ ކަމަށެވެ. އަދި ފައިސާ ދޭ ފަރާތްތަކަށް އެ ޖަމާއަތުން ރައްކާތެރިކަން ފޯރުކޮށްދޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. -- ބީބީސީ