ހަށިތައް އަންދާ ނުލުމަށް ލަންކާ ސަރުކާރުގައި ދެންނެވުން މާ ރަނގަޅުވާނެ: މައުމޫނު

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު
އަންގާރަ , 15 ޑިސެމްބަރ 2020 | 14:31

ސްރީލަންކާގައި މަރުވާ މުސްލިމުން ވަޅުލަން ރާއްޖެ ގެނައުމުގެ ބަދަލުގައި އިސްލާމީ އުހުއްވަތްތެރިކަމުގެ ރޫހުގައި އެމީހުންގެ ހަށިތައް އަންދާ ނުލުމަށް ސްރީލަންކާ ސަރުކާރުގައި ދެންނެވުން މާ ރަނގަޅުވާނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

މައުމޫނު މިފަދައިން ވިދާޅުވެފައި މިވަނީ ސްރީލަންކާގައި ކޮވިޑު ޖެހިގެން މަރުވާ މުސްލިމުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް ލަންކާގައި ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވާތީ އެފަދަ މުސްލިމުން ރާއްޖެ ގެނެސް އެމީހުންގެ ޖަނާޒާގެ ކަންކަން ހަމަޖައްސައިދިނުމަށް ލަންކާގެ ރައީސް އެދިވަޑައިގެންފައި ވަނިކޮށެވެ.

މިކަމަށް ރާއްޖޭގެ ގިނަ އިލްމުވެރިން ތާއީދުކޮށް ލަންކާ މުސްލިމުންގެ ހަށިތައް ރާއްޖެ ވަޅުލުމަށް ވާހަކަ ދައްކަވަމުން ދިޔަ ނަމަވެސް ރައީސް މައުމޫނު ވިދާޅުވީ ކޮވިޑްގެ ސަބަބުން މަރުވާ ސްރީލަންކާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން ކޮށްދޭންޖެހޭ ކަމެއް ނޫންކަމަށެވެ. އަދި އެކަން ކޮށްދީފިނަމަ އެކަން ވާނީ އެގައުމުގެ ސަރުކާރުން މުސްލިމުންނާއިމެދު އަމަލުކުރަމުންދާ ގޮތަށް ކުރެވޭ ތާއީދަކަށް ކަމަށްވެސް މައުމޫނު ވިދާޅުވި އެވެ.

ލަންކާގައި މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖެ ގެނައުމުގެ މަޝްވަރާ ދެގައުމުގެ ސަރުކާރުން ވަނީ ފަށައިފަ އެވެ. އެކަމާއި ގުޅިގެން ގިނަ އިލްމުވެރިން ވިދާޅުވީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލެވޭ ގޮތް ހެދުމަކީ މިވަގުތަށް ވަރަށް މުހިންމު، އަދި ދަރުމަ އާއި ސަވާބު ލިބިގެންދާނެ ކަމެއް ކަމަށެވެ.

އެހެންނަމަވެސް ބައެއް އިލްމުވެރިން އެކަމާއި ދެކޮޅު ހައްދަވައެވެ. އެގޮތުން އެބޭފުޅުން ވިދާޅުވަނީ ލަންކާގައި ނިޔާވާ މުސްލިމުންގެ ހަށިތައް ރާއްޖެ އުފުލައި ޖަނާޒާގެ ކަންކަން ހަމަޖެއްސުމުގެ ޝަރުއީ މަސްލަހަތެއް އޮތް ތަން ފެންނަން ނެތް ކަމަށެވެ. އަދި ސަބަބަކީ ޝަރުއީ އުޒުރެއް ނެތި މަރުވާ ރަށުން އެހެން ތަނަކަށް މައްޔިތާ ބަދަލު ކުރުމަކީ އެދެވޭ ކަމަކަށް ނުވާތީ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.