ނަސާރާދީން ފަތުރާ ދިވެހި ލިޔުންތަކެއް އަނެއްކާ ވެސް ގުރައިދޫ ގެސްޓްހައުސް އަކަށް!

ނަސާރާ ދީން ފަތުރާ ލިޔުންތަކެއް ކ.ގުރައިދޫގެ ގެސްޓްހައުސްއަކަށް ލިބުމުން އެކަން ސަމާލުކަމަށް ގެނެސްފައިވާކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު ހަމައެމްވީއަށް ވިދާޅުވީ އެރަށުގެ ގެސްޓްހައުސްއެއް ކަމަށްވާ 'މޫދުމާ އިން ގެސްޓް ހައުސް'އަށް ނަސާރާދީން ފަތުރާ ލިޔުންތަކެއް ޕޯސްޓް މެދުވެރިކޮށް ލިބިފައިވާ ކަމަށެވެ. އެކަން އެ ގެސްޓްހައުސްއިން ކައުންސިލަށް އަންގާފައިވާ ކަމަށާއި އެމައްސަލަ ކައުންސިލުން ބަލަމުންދާކަމަށް ވިދާޅުވި އެވެ.
މިއަދު ރަސްމީގަޑި ވެސް ނިމުނު ފަހުން އަޅުގަނޑުމެންގެ ސަމާލުކަމަށް އެކަން ގެނައީ ގެސްޓް ހައުސްއިން. އެމައްސަލަ މާދަމާ އިސްލާމިކް މިނިސްޓްރީއަށް ފޮނުވުމަށް މިދަނީ މަސައްކަތް ކުރަމުން
ނަސާރާދީން ފަތުރާކަމަށް ބުނާ އެލިޔުންތައް ސޯޝަލްމީޑިއާގައި ދަނީ ދައުރު ވަމުންނެވެ. ބެލެވޭ ގޮތުގައި އެއީ އިނގިރޭސި ލިޔުންތަކެއްގެ ތަރުޖަމާއެވެ. އޭގެ ތެރެއިން ބައެއް ލިޔުންތައް ހުރީ ދިވެހިންނެވެ.
ޔާމީން ވިދާޅުވީ 2019 ވަނަ އަހަރު ވެސް އެފަދަ ލިޔުންތަކެއް އެރަށުގެ ހަތަރު ގެސްޓްހައުސްއަކަށް ލިބުނު ކަމަށެވެ. އެކަން އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އެފަހަރު ގެނައުމުން އެތަކެތި އެ މިނިސްޓްރީއަށް ފޮނުވުމަށް އެދުނު ކަމަށާއި އެތަކެތި ހަވާލު ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްޓޭމްޕްއިން އެނގެނީ އެއީ އެމެރިކާއިން ފޮނުވާފައިވާ ލިޔުންތަކެއްހެން ކަމަށެވެ. އަދި މި ފަހަރު ވެސް ފޮނުވާފައިހުރި ލިޔުންތަކާއި ކުރީގެ ލިޔުންތަކުގައި ހުރީ އެއް ކަހަލަ ސްޓޭމްޕެއް ކަމަށް ވިދާޅުވި އެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު ބުނާގޮތުން އިސްލާމްދީން ނޫން އެން ދީންތަކުގެ މީހުން އަޅުކަން ކުރާތަންތަން ހެދުމާއި އިސްލާމްދީން ނޫން އެހެން ދީންތަކުގެ ޝިއާރު ކަމަށް ބެލެވޭ ތަކެތި ވިއްކުމާ ގެންގުޅުމަކީ އިޝްތިހާރު ކުރުމަކީ މަނާކަމެކެވެ. އަދި އިސްލާމްދީން ނޫން އެހެން ދީންތައް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ވެސް މަނާކަމެއް ކަމުގައި އެ ގާނޫނުގައިވެ އެވެ.