އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާ އަހަރީ ރިޕޯޓު ފޮނުވުމަށް ދައުލަތުގެ އިދާރާތަކަށް އަންގައިފި

 އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ
އަންގާރަ , 12 ޖެނުއަރީ 2021 | 00:14

އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާ އަހަރީ ރިޕޯޓު ފޮނުވުމަށް ދައުލަތުގެ އިދާރާތަކަށް އަންގައިފިއެވެ.

ދައުލަތުގެ އެންމެހައި އިދާރާތަކާއި، ދައުލަތް ހިއްސާވާ ކުންފުނިތަކުގެ އިންފޮމޭޝަން އޮފިސަރުންނަށް އައިކޮމް އިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، 2020 ވަނަ އަހަރުގެ ރިޕޯޓް ތައްޔާރުކުރައްވައި މި މަސް ނިމުމުގެ ކުރިން ފޮނުއްވަން ޖެހޭނެކަމަށެވެ.

މިއީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް، ދައުލަތުގެ ކޮންމެ އިދާރާއަކުން ކަނޑައަޅުއްވާފައިވާ އޮންފޮމޭޝަން އޮފިސަރުގެ އިސްނެންގެވުމުގެ މަތީން ތައްޔާރުކޮށް އިންފޮމޭޝަން ކޮމިޝަނަރަށް ފޮނުއްވުމަށް ގާނޫނު ލާޒިމްކުރާ ރިޕޯޓެކެވެ.

މި އަހަރުގެ ރިޕޯޓް ހުށަހެޅުމަށް، "އިންފޮމޭޝަން ކޮމިޝަނަރަށް އަހަރީ ރިޕޯޓް ހުށަހަޅާ ފޯމު" އައިކޮމްގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވުމަށްފަހު، ފޯމްގައި ހުރި އިރުޝާދުތަކާއެއްގޮތަށް ފުރިހަމަކުރުމަށްފަހު 31 ޖެނުއަރީ 2020 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ހުށަހަޅަންޖެހޭނެއެވެ.