ވެމްކޯ 1.1 މިލިޔަނުން ޖޫރިމަނާކޮށްފި

ވެމްކޯ މުވައްޒަފަކު މަސައްކަތުގައި
ވެމްކޯ މުވައްޒަފަކު މަސައްކަތުގައި
އަންގާރަ , 12 ޖެނުއަރީ 2021 | 12:18

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އުޅަނދަކުން ތިލަފުށީ ފަޅުތެރެއަށް ކުނިއެޅުމާއި ގުޅިގެން އެންވިރޮންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެ މައްސަލަ ބެލުމަށްފަހު ވެމްކޯ 1.1 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެއްޓާއި ބެހޭ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގައި، ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބޭގޮތަކަށް ރާއްޖޭގެ އެއްވެސް ތަނަކަށް ކުނި ނުވަތަ ތެޔޮ ނުވަތަ ވިހަ ގޭސްފަދަ އެއްޗެއް އުކާލައިގެން ނުވަތަ އަޅައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ތަކެތީގެ ތެރެއިން ކޮންމެހެން އުކާލަންޖެހޭ ތަކެތިއުކާލަންވާނީ ނުވަތަ އަޅަންވާނީ ސަރުކާރުން އެކަމަށް ކަނޑައަޅާ ތަންތަނަށް ކަމަށާއި އެފަދަ ތަކެތި އަންދާލައިގެން ނައްތާލާނަމަ އެކަން ކުރަންވާނީ މީހުންގެ ސިއްހަތަށް ގެއްލުން ނުވާގޮތަށް އެކަށީގެންވާ ރައްކާތެރިކަމާއެކުގައި ކަމަށް ބަޔާންކޮށްފައިވެއެވެ.

ތިލަފުށީ ފަޅުތެރެއަށް ވެމްކޯއިން ކުނި އެޅުމާއި ގުޅިގެން އެ ކުންފުނި ޖޫރިމަނާކޮށް، އީޕީއޭއިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ވެމްކޯގެ ކުނި އުފުލާ އުޅަނދު ފަހަރުން މޫދަށާއި ފަޅުތެރެއަށް ކުނި އަޅާފައިވާ މައްސަލަތަކެއް އެ އޭޖެންސީއަށް ތަކުރާރުކޮށް ހުށަހެޅިފައިވާ ކަމަށެވެ.

އެގޮތުން ލޭންޑިންގް ކްރާފްޓަށް ކުނި ބަރުކުރުމުގައި މޫދަށް ކުނި އެޅޭ މައްސަލައާއި، އުޅަނދަށް އަޅާފައިވާ ކުނި ކަވަރުނުކޮށް ކުނި އުފުލުމުގެ ސަބަބުން މޫދަށް ކުނި އެޅޭ މައްސަލަ އަދި އުޅަނދު ފަހަރުން ތިލަފުއްޓަށް ގެންދާ ކުނި އަންލޯޑު ކުރުމުގައި ފަޅުތެރެއަށް ގިނަ އަދަދަކަށް ކުނި އެޅޭ މައްސަލަތައް އެ އެޖެންސީން ކުރިއަށްގެންދާ ރޭންޑަމް އިންސްޕެކްޝަންތަކުންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ 4 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެކިފަހަރު މަތިން މިކަމާ ގުޅޭގޮތުން ވެމްކޯއަށް ސިޓީ ފޮނުވާފައިވާ އީޕީއޭއިން ބުނެފައިވެއެެވެ.

އީޕީއޭއިން ބުނީ ވެމްކޯގެ ކުނި އުފުލާ އުޅަނދު ފަހަރުން މޫދަށާއި ފަޅުތެރެއަށް ކުނި އަޅާފައި ވާތީ އާއި ކުނި އުފުލުމުގެ މަސައްކަތްކުރުމުގެ ތެރޭގައި މޫދަށް ކުނި އެޅުމަށް މަގުފަހިވާގޮތަށް އަމަލުކުރަމުން ދިޔުމާ ގުޅިގެން، އެކަންކަން އިސްލާހުކުރުމަށް ތަކުރާރުކޮށް އަންގައިފައިވަނިކޮށް އިސްލާހުކޮށްފައި ނުވާތީވެ، އެ ކުންފުންޏަށް އަޅާ އިސްލާހީ ފިޔަވަޅެއްގެ ގޮތުން ޖޫރިމަނާގެ ގޮތުގައި ތިމާވެއްޓާއި ބެހޭ ޤާނޫނު 4/93 ގެ ދަށުން ހަދާފައިވާ ކުނި މެނޭޖުކުރުމާއި ބެހޭ ގަވާއިދުގެ 4 ވަނަ އިސްލާހުގެ ޖަދުވަލު (ނ) ގެ ދަށުން އަދި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން -/1,128,750 (އެއްމިލިއަން އެއްސަތޭކަ އަށާވީސްހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ފައިސާ މިއަދުން ފެށިގެން ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް އީޕީއޭއިން ވަނީ ވެމްކޯގައި އެދިފައެވެ.