ފުރުން މަނާކުރުމުން ޖިހާދުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައިގެ ހުކުމް މާދަމާ

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު
އަންގާރަ , 12 ޖެނުއަރީ 2021 | 18:54

ކ. ފުށިދިއްގަރު ފަޅު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ފުރުން މަނާކޮށްފައި އޮތް އޮތުން ޖިހާދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި ހުކުމް ކުރުން މާދަމާއަށް ތާވަލު ކޮށްފި އެވެ.

ހައި ކޯޓުން ބުނީ މި މައްސަލައިގެ ޙުކުމް ކުރުމަށް ބާއްވާ އަޑުއެހުން މާދަމާ މެންދުރުފަހަށް ތާވަލު ކޮށްފައިވާ ކަމަށެވެ.

ޖިހާދުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.އެ ދުވަހުގެ އަޑުއެހުމަކީ ޖިހާދު ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދައަށް އެދިފައިވާތީ، އެކަމާ މެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމެކެވެ.

ފުށިދިއްގަރުފަޅު މައްސަލައިގައި ދައުލަތުން ޖިހާދުގެ މައްޗަށް އުފުލާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ޖިހާދުގެ ފަރާތުން އިސްތިއުނާފީ ހަތަރު ނުކުތާއެއް ހުށަހަޅާފައިވެއެވެ.

މި މައްސަލައިގައި ޖިހާދު ބޭސްފަރުވާއަށް ފުރުމަށް ހުއްދަ ދިނުމަށް އިއުތިރާޒުކޮށް ދައުލަތުގެ ވަކީލު އެދުވަހު ވިދާޅުވީ، ޖިހާދަށް ކޮށްފައިވަނީ ޖިނާއީ ބޮޑު ދައުވާއެއް ކަމަށެވެ. އަދި މި މައްސަލައިގައި ޖިހާދަށް ފަސް އަހަރުގެ ހުކުމެއް ކުރުމުގެ ފުރުސަތު އޮއްވައި، ފުރައިފި ނަމަ ފިލައިފާނެ ކަމަށް ބެލެވޭ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.