149 ކިލޯގެ ޑްރަގްގެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައިފި

ޕީޖީ ހުސައިން ޝަމީމް
ޕީޖީ ހުސައިން ޝަމީމް
އަންގާރަ , 12 ޖެނުއަރީ 2021 | 19:04

ގދ. ހުޅުވާރުލުން ހޯދި 149 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ކުރި ދައުވާ ބާތިލްކުރި މައްސަލަ އިސްތިއުނާފް ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

ޕީޖީ އިން ބުނީ ހުޅުވާރުލުން ގިނަ އަދަދެއްގެ މަސްތިވާތަކެތި ފެނުނު މައްސަލައިގައި ދަށު ކޯޓްގެ ނިންމުން އިސްތިނާފު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ނިންމުމާ ގުޅިގެން އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

އޭޕްރިލް 2019 ގައި ފެނުނު އެ މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހަކު ހައްޔަރުކުރި އެވެ. އެއީ ގއ. ކޮނޑޭ/ ގަހާކޯޅި، އަހުމަދު އަނީލް (34)، ގދ. ގައްދޫ/ އެދުރުގެ، އަހުމަދު ހާމީމު (42)، ގއ. ކޮނޑޭ/ ރޮމޭންސް ޝަފީޒް މުހައްމަދު (35)، ގއ. ނިލަންދޫ/ ދިހްޝާންވިލާ އަލީ ޝާކިރު (30) އަދި ގދ. ގައްދޫ/ އެދުރުގެ ޔާމިހް ހާލިދު (23) އެވެ.

މި މީހުންގެ މައްޗަށް ދައުވާކުރީ އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެގޮތުން ހަތަރު މީހަކަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އަދި އެކެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލި އެވެ.

މި މައްސަލަތައް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން އެންމެ ފުރަތަމަ ހުށަހެޅީ ކުރިމިނަލް ކޯޓަށެވެ. ނަމަވެސް އެ މައްސަލައަކީ އެ ކޯޓަށް ބެލުމުގެ އިހްތިސޯސް ނެތް އަދި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބަލަން ޖެހޭނެ މައްސަލައެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލި އެވެ. ކްރިމިނަލް ކޯޓުން މައްސަލަ ބޭރު ކޮށްލުމުން ޕީޖީން ދެން މައްސަލަ ހުށަހެޅީ ގައްދޫ ކޯޓަށެވެ. ނަމަވެސް އެކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައިފައެވެ.

އެނގިފައިވާ ގޮތުގައި، އެ މައްސަލަ ބޭރު ކޮށްލީ ދައުވާ ކުރަން ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ފަހުން މައްސަލަ ހުށަހަޅާފައިވާތީ ކަމަށް ބުނެ އެވެ.

ހުޅުވާރުލުން ފެނުނު ހެރޮއިން އާއި ކެނަބިސްގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރަ އެވެ.