ރައީސް ޔާމީނަށް ހުކުމް އިއްވުން މިމަހުގެ 21 ވަނަ ދުވަހު!

ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
އަންގާރަ , 12 ޖެނުއަރީ 2021 | 19:09

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާ ހުކުމުގެ އިސްތިއުނާފު ނިންމައި ހުކުމް އިއްވުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް ފަސްކޮށްފި އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

ހުކުމްގައި ބުނެފައިވަނީ އިސްލާމިކް ބޭންކްގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ދެ ފަހަރައްގެ މަތިން އެއްމިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށާއި، އަދި އެ ފައިސާއިން 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްމަންޓްކޮށް މަންފާ ހޯދާފައިވާ ކަމަށެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އިސްތިއުނާފުގެ ހުކުމް އިއްވަން ފުރަތަމަ ތާވަލްކުރީ މިމަހުގެ 14 ވާ ބުރާސްފަތި ދުވަހަށެވެ. ނަމަވެސް މިހާރު ވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް ފަސްކޮށްފައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ވެސް ދައުލަތުން ކްރިމިނަލް ކޯޓުގައި ވަނީ އުފުލައިފަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.