ރުކަށް ވޯޓު ދޭންވީ ތަރައްގީ ފިކުރުގެ އަހުލުވެރިން ކަމުގައިވާތީ: ނަރީޝް
![މާލެ ސިޓީގެ މާފަންނު މެދު ދާއިރާ ވާދަކުރައްވާ އަހުމަދު ނަރީޝް [ވ]](https://images.hama.mv/images/2021/01/main_featured_lg_20210113012728.jpg)
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕްރޮގްރެސިވް ކޯލިޝަން އޮފް މޯލްޑިވްސް[ޕީޕީއެމް]އަށް ވޯޓު ދޭންވީ އެއީ ތަރައްގީ ފިކުރުގެ އަހުލުވެރިން ކަމުގައި ވާތީ ކަމަށް މާލެ ސިޓީގެ މާފަންނު މެދު ދާއިރާ ވާދަކުރައްވާ އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
މިރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަރީޝް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމަށް ވޯޓު ދޭންވީ ވޭތުވެދިޔަ ފަންސާސް އަހަރާއި ނުބައްދަލު ތަރައްގީއެއް ގެނައި ވެރިއެއްގެ ފަހަތުގައ މަސައްކަތް ކުރި ބަޔަކަށްވާތީ ކަމަށެވެ.
އަޅުގަނޑުމެންނަށް ވޯޓު ދޭންވީ އަޅުގަނޑުމެންނަކީ މި ރާއްޖެ ތަރައްގީ ކުރި މީހުން ކަމަށްވާތީ. އަޅުގަނޑުމެންނަކީ ވޭތުވެދިޔަ ފަންސާސް އަހަރާއި ނުބައްދަލު ތަރައްގީ މި ގައުމަށް ގެނެސްދެއްވި ވެރިއެއްގެ ފަހަތުގައި މަސައްކަތް ކުރި ބަޔަކަށް ވާތީ.
ނަރީޝް ވިދާޅުވީ މީގެ ކުރީގެ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ ކައުންސިލަށް ދެ ދައުރުގެ މެޖޯރިޓީ އެމްޑީޕީއަށް ދެވިއްޖެ ކަމަށާއި ނަމަވެސް ރައްޔިތުންނަށް ވީ ފައިދާއެއް ނެތް ކަން ހަމަ ވިސްނުމުން ވިސްނާލުމުން އެނގޭނެ ކަމަށެވެ. އެހެންކަމުން ރައްޔިތުން މާޔޫސް ނުކުރާނެ ކައުންސިލެއް ހޯދުމަށް ޕީޕީއެމްއަށް މެޖޯރިޓީ ދިނުމަށް އެދިލައްވާކަމަށް ވިދާޅުވި އެވެ.
ނަރީޝް ވިދާޅުވީ އޭނާ ކުރިމަތިލެއްވި ދާއިރާ ކަމުގައިވާ މާފަންނު މެދު ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އެޖެންޑާ19 އަށް ނިސްބަތްވާ އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއްގައި ތަރައްގީކުރި 7،000 އަށް ވުރެ ގިނަ ފްލެޓްގެ ތެރެއިން އެ ދާއިރާގެ ފްލެޓް ލިބުނު ގިނަ ފަރާތްތައް މި ސަރުކާރުން ނުހައްގުން ފޭރިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
މިގައުމު ސަލާމަތް ކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި ސިޓީތަކަށް ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓުދޭން ޖެހޭކަމަށާއި އެއީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ބޭއްވޭ އެ އިންތިޚާބުގެ ފުރަތަމަ ބުރުކަމަށް ޕީޕީއެމްގެ ފިކުރަށް ތާއީދުކުރައްވާ ރައްޔިތުން ދެކުމަށް އެދިލައްވާ ކަމަށް ވެސް ނަރީޝް ވިދާޅުވި އެވެ.