އިންތިހާބު އަވަސް ކުރާ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފި

ލޯކަލް ކައުންސިލް އިންތިޚާބު އަވަހަށް ބޭއްވުމަށްޓަކައި އިންތިޚާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފިއެވެ.
އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. މިއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވޭނެ ގޮތަށް ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހެކެވެ.
މިރޭގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ބިލުގެ ފުރަތަމަ ކިޔުން މިރޭ އިއްވުމަށްފަހު ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާ ފެށުމުގެ ގޮތުން މި މަހުގެ 17 ވަނަ ދުވަހު ޖަލްސާއެއް ބާއްވާނެ ކަމަށެވެ.
އެހެން ކަމުން އިބްތިދާއީ ބަހުސް އެއް ދުވަސް ތެރޭ ނިންމާލެވޭނެއެވެ. އިބްތިދާއި ބަހުސަށްފަހު، ދެން ބިލު ދާނީ ކޮމިޓީ މަރުހަލާއަށެވެ. ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކޮށް ގެންނަން ޖެހޭ ބަދަލުތަކާއެކު ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. ކޮމިޓީ މަރުހަލާއަށްފަހު ތިން ދުވަސް ދޭން ޖެހެއެވެ. އެއަށްފަހު މެމްބަރުންގެ އިސްލާހުތަކާއެކު ބިލު ވޯޓަށް އަހާނެއެވެ.
އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ އެޕްރީލް ހަތަރެއްގައެވެ.