ފަށާ ތައުލީމުގެ މުދައްރިސުންނަށް ސްކޮލަރޝިޕްތަކެއް ހުޅުވާލައިފި

ސްކޫލު ހަފްލާއެއްގައި ޓީޗަރުންތަކެއް
ސްކޫލު ހަފްލާއެއްގައި ޓީޗަރުންތަކެއް
ބުރާސްފަތި , 14 ޖެނުއަރީ 2021 | 00:50

ފަށާ ތައުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް 15 ސްކޮލަރޝިޕްގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިސްކޮލރަޝިޕްްތަކަކީ އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ޚަރަދުކުރާގޮތަށް ހަމަޖެހިފައިވާ ސްކޮލަރޝިޕްތަކެއްކަމަށާއި، މި ސްކޮލަޝިޕްއަށް ހޮވޭ މުދައްރިސުން ތަމްރީން ކުރާނީ ޤައުމީ ޔުނިވަރސިޓީއިން، މި ވަގުތަށް ގައުމަށް ބޭނުންވާ މީހުން ބިނާކުރުމަށް ކުރިއަށްގެންދަވާ ޚާއްސަ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުންކަމަށެވެ.

އަދި މި ސްކޮލަރޝިޕާއެކު ދެވޭ އިނާޔަތްތަކުގެ ތެރޭގައި އެލަވަންސްއެއްގެ ގޮތުގައި މަހަކު -/5000 ރުފިޔާއާއި، ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ސިމެސްޓަރއަކު -/5000 ރުފިޔާއާއި، ސްކޮލަރޝިޕްލިބޭ ފުރަތަމަ މަހު އެސްޓޭބްލިޝްމަންޓް ގްރާންޓްއެއްގެ ގޮތުގައި ދެވޭ -/5000 ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން މި ސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކުގެ އެކަމަޑޭޝަން ޤައުމީ ޔުނިވަރސިޓީގެ ދަނާލުން ހަމަޖެހިގެންދާނެކަމަށްވެސް ބުންޏެވެ،

މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތު ތަކުގެ ތެރޭގައި، ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު އުޅެންޖެހޭ އެއްވެސް ވަޒީފާއެއް އަދާ ނުކުރުން ހިމެނެއެވެ. މީގެ ބޭނުމަކީ މި ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުން އުނގެނުމަށް ހޭދަކުރާ ވަގުތު އިތުރުކޮށް، ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުމެވެ.

މި ސްކޮލަރޝިޕްތައް އަމާޒުކޮށްފައިވަނީ ޕްރައިމަރީ ޓީޗަރުން މަދު 60 ރަށަކަށެވެ. މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 30 މުދައްރިސުން ތަމްރީން ކުރެވޭނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.