ކުޑަކުދިންތަކަކަށް ހަމަލާ ދީފައި ސުވަރުގެ ނުވަދެވޭނެ: މަހުލޫފު

ޔޫތު މިނިސްޓަރު މަހުލޫފު | ފޮޓޯ: ވަން
ޔޫތު މިނިސްޓަރު މަހުލޫފު | ފޮޓޯ: ވަން
ބުދަ , 27 ޖެނުއަރީ 2021 | 17:39

ކުޑަކުދިންތަކަކަށް ހަމަލާ ދީފައި ސުވަރުގެ ނުވަދެވޭނެ ކަމަށް ވިދާޅުވެ ހައްދުފަހަނަ އަޅާފައިވާ ދީނީ ފިކުރުގެ ބަޔަކު ދޭން އުޅުނު ޓެރަރިސްޓު ހަމަލާއަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ފާޑު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅު ތިމަރަފުށީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒު ގޮއްވާލަން ރާވަމުންދިޔަ ބަޔަކު ތިމަރަފުށިންނާއި މަސް ދޯންޏަކުން ހައްޔަރުކޮށް އެ މައުލޫމާތު ފުލުހުން އާންމު ކުރި ހަބަރު ހިއްސާ ކުރައްވަމުން މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވަނީ ހަރުކަށި ފިކުރުގެ މީހުން ޒުވާނުންގެ ސިކުނޑިތައް ދޮވެލަން ފުރުސަތު ނުދެއްވުމަށް ގޮވާލައްވައިފަ އެވެ.

އަދި އެއީ ބައެއްގެ ވިޔަފާރި ކަމަށާއި އަމިއްލަ އެދުމަށް ވަސްވާސް ދީ ރާވާ އަދި ކުރުވާ ކަންކަން ކަމަށްވެސް މަހުލޫފު ވިދާޅުވި އެވެ.

އިސްލާމް ދީނަކީ ސުލްހައިގެ ދީން، އެއީ އަނިޔާއާއި ދެކޮޅު ދީން. ލޯތްބާއި ކުލުނުގެ ދީން.

- ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު

ތިމަރަފުށީގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނު މައްސަލައިގައި ހައްޔަރުކޮށްފައި ތިބި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ ހޯމަ ދުވަހު ވަނީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. މިމައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ބައެއް މީހުން ތިބުމާއެކު އެ މީހުންގެ މައްސަލަތައް އަދިވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.