ތަހުގީގަށް ބޭނުންވާ ލިޔުމެއް ހޯދަން ޔާމީން ގެއަށް ގެންދެވުން ކެންސަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
އާދިއްތަ , 14 ފެބްރުއަރީ 2021 | 12:37

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިހާރު ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ ލިޔުމެއް ހޯއްދަވަން ގެއަށް ވަޑައިގަންނަވަން އެދިވަޑައިގެންނެވުމުން، ޔާމީން ގެއަށް ގެންދަވަން މިއަދު ހަމަޖެހިފައި އޮތްނަމަވެސް އެކަން ކެންސަލްކޮށްފި އެވެ.

ރައީސް ޔާމީން ގެއަށް ގެންދެވުމުގެ ކަންކަން ހަމަޖެއްސުމަށް ފުލުހުން ވަނީ އެ ސަރަހައްދު ބަންދުވެސް ކޮށްފަ އެވެ. އެހެންނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން ފަހުން ކެންސަލް ކުރީ ޔާމީންގެ އެދިވަޑައިގެންނެވުމުގެ މަތިންނެވެ.

ތަހުގީގަށް ފުލުސް އިދާރާއަށް ޔާމީން ހާޒިރުކުރަން ހަމަޖެހިފައި އޮތްނަމަވެސް ފަހުން އެކަން ކެންސަލް ކުރިކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ކަށަވަރުކޮށްދީފަ އެވެ. ކެންސަލްކުރި ސަބަބު އެ އިދާރާއިން ބުނެފައެއް ނުވެ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން ދައުލަތުން ކުރި ދައުވާއެއްގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން އެހެން ތަހުގީގެއްގެ ބަޔާނުގައި ސޮއިކުރަން މި މަހުގެ ދޭއްގައި ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުކުރި އެވެ.

މިހާރުވެސް ޔާމީންގެ މައްޗަށް ކުރާ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާ އެކެވެ. އެމައްސަލައިގެ އެންމެ ފަހުން ބޭއްވި ޝަރީއަތުގައި އެމަނިކުފާނު ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ.