ހަރާމް ކުރެއްވި ކަންކަމުގެ ތެރޭގައި ލަވަޔާއި މިޔުޒިކު ނުހިމެނޭ: މައުމޫނު

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު
އާދިއްތަ , 14 ފެބްރުއަރީ 2021 | 15:25

ކީރިތި ގުރުއާނުގައި ބަޔާން ކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ލަވައާއި މިޔުޒިކު ނުހިމެނޭ ކަމަށް ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫނު އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫނު މިފަދައިން ވިދާޅުވީ ރާއްޖޭގެ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

މާލޭގައި މިޔުޒިކް މެހެފިލްތަކެއް ގާއިމްކުރުމަށް ސަރުކާރަށް ގޮވާލަން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކާއި ގުޅިގެން ރާއްޖޭގެ ދީނީ މަޝްރަހު ހަލަބޮލި ވެފައިވާ މި ދަނޑިވަޅުގައި ރައީސް މައުމޫނު ވިދާޅުވީ އެއްވެސް ކަމެއް ހަރާމް ވަނީ މަތިވެރި ރައްބު އެކަމެއް ހަރާމް ކުރެއްވުމުން ކަމަށެވެ. އަދި އެކަންކަމުގެ ތެރޭގައި މިޔުޒިކާއި ލަވަ ނުހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މައުމޫނު މިފަދައިން ވިދާޅުވިއިރު ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންގެ ހިޔާލު ތަފާތެވެ. އެގޮތުން އެ އިލްމުވެރިން ވިދާޅުވަނީ ލަވައާއި މިޔުޒިކަކީ ސީދާ އިސްލާމް ދީނުގައި ހަރާމް އެއްޗެއް ކަމަށެވެ.

މިޔުޒިކާއި ލަވައިގެ މައްސަލައިގައި ދުނިޔޭގެ ބައެއް އިލްމުވެރިންގެ މެދުގައިވެސް ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ. އެގޮތުން ބައެއް އިލްމުވެރިން ވަކި ވައްތަރެއްގެ މިޔުޒިކާއި ލަވަ ހަރާމް ކުރައްވަ އެވެ. އަނެއްބައި އިލްމުވެރިން ވިދާޅުވަނީ ހަރާމް ވަނީ ލަވައިގައި އަންހެނުންގެ ރީތިކަމުގެ ވާހަކަ ކިޔައިދޭ ނަމަ އެކަންޏެވެ.

މިމައްސަލައިގައި މީގެ ކުރިންވެސް ރާއްޖޭގައި ހިޔާލު ތަފާތުވުން އުފެދި ހަލަބޮލި ވިއެވެ. މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި އެމްޑީޕީގެ މެމްބަރުން ވަނީ މިޔުޒިކް ހަރާމް ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވެ އެއީ އިންސާނުން ޒަމާނުއްސުރެއް ކުރަމުން އައި ކަމެއްކަމަށް ވިދާޅުވެފަ އެވެ.

މިމައްސަލައިގައި މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ މިޔުޒިކަކީ އިންސާނުން ދިރިއުޅެމުން އައި ގޮތް ކަމަށެވެ. އަދި ގައުމެއްގެ، މުޖުތަމައުއެއްގެ އާއްމު ރައްޔިތެއްގެ އާއްމު ދިރިއުޅުން އާއްމު އާދަތައް އެއީ އެތައް ސަތޭކަ އަހަރެއް ފަހުން ހަރާމް ކަންތައްތަކެއްގެ ގޮތުގައި އެއްވެސް ބަޔަކަށް ފާހަގަކުރެވެނީނަމަ އެ މިސްރާބު ޖެހެނީ މުޖުތަމައުއެއް ރޫޅާލުމަށްކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.