ރައްޔިތުން ކޮވިޝީލްޑް ވެކްސިން ޖެހުމަށް އިދިކޮޅުން ހިތްވަރުދީފި

އިދިކޮޅު ފަރާތްތަކުން މިއަދު މާލެގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން (ފޮޓޯ: ދިޔަރެސް)
އިދިކޮޅު ފަރާތްތަކުން މިއަދު މާލެގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން (ފޮޓޯ: ދިޔަރެސް)
ބުދަ , 17 ފެބްރުއަރީ 2021 | 18:03

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިމަރޖެންސީ ޔޫސް ލިސްޓިންގައި ކޮވިޝީލްޑް ވެކްސިން ހިމެނުމާއި ގުޅިގެން، އެޖަމިއްޔާގެ ގޮވާލުމަށް އިޖާބަދީ، ވެކްސިން ޖެހުމަށް ރައްޔިތުންނަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ހިތްވަރު ދެއްވައިފިއެވެ.

އެކޯލިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު އެޗްއޯގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގުރޫޕް އޮފް އެކްސްޕާރޓްސް އިމިއުނިޒޭޝަން (ސޭޛް)ގެ މާހިރުން ކުރި ހަތަރު ހަފްތާގެ ދިރާސާ ނިމި، ދެކުނު ކޮރެއާގައި ތައްޔާރުކުރާ އެކްސްފޮޑް އެސްޓްރާ ޒެނެކާ މަރުކާގެ ވެކްސިނާއި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވި ޝީލްޑް މަރުކާގެ ވެކްސިން، އުމުރުން 18 އަހަރުން މަތީގެ މީހުން ބޭނުންކުރުމުގެ އިމަރޖެންސީ ހުއްދަ ރަސްމީ ސިފައެއްގައި ދިނުމާއެކު، އަދި ކުރިން ހުއްދަ ދީފައިވާ ފައިޒަރ ބަޔޯއެންޓެކް މަރުކާގެ ވެކްސިންގެ އިތުރުން އެ ދެ މަރުކާވެސް ބޭނުން ކުރުމަށް އެ ޖަމިއްޔާއިން ގޮވާލާފައިވާތީ، އެކަމަށް އިޖާބަދީ، ވެކްސިން ޖެހުމަށް ދިވެހި ރައްޔިތުންނަށް ހިތްވަރުދޭ ކަމަށެވެ.

އެ ކޯލިޝަނުން އަބަދުވެސް އިސްކަންދީ ބާރުއަޅަނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަން އިސްކުރުމަށް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ވެކްސިންތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ދެނެގަތުމުގެ ފަންނީ ގާބިލިއްޔަތު ރާއްޖޭގައި ގާއިމުކުރެވިފައި ނުވާ ހިނދު އަދި އެފަންނުގެ ދުނިޔޭގެ ފެންވަރުގެ މާހިރުން އަދި ރާއްޖޭގައި ނެތް ހިނދު، ޒަމާނުއްސުރެ އެފަދަ ކަންކަމުގައި އަމަލުކުރަމުން އައި ގޮތްކަމުގައިވާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފަޔާއި އިރުޝާދު ބަލައިގަތުމަކީ ކޯލިޝަނުން ކުރިއަށް އޮތް ތަނުގައިވެސް ކަންކުރާނެ ގޮތް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.