ފްލެޓް ގެއްލިފަ ހުރިއްޔާ ފެނޭތޯ ބަލަން ބޭނުން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
އަންގާރަ , 23 ފެބްރުއަރީ 2021 | 11:26

ކުރީ ސަރުކާރުން ހިޔާ މަޝްރުއުގެ ދަށުން ހުޅުމާލޭގައި ތަރައްގީ ކުރި ފްލެޓުތަކުގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓުތައް ގެންލިފައިވާނަމަ އެތަންތަން ފެނޭތޯ ބަލަން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ވަނީ ހިޔާ މަޝްރޫއުގެ އެއް ކޮޓަރީގެ ފްލެޓުތަކަށް މި ސަރުކާރުން ހެދި ގޮތް ސާފު ކޮށްދޭން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލައިގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ.

އެ މައްސަލައިގައި ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމް ދެގޮތަކަށް ވާހަކަ ދައްކަވާފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އެގޮތުން އެއް ކޮޓަރީގެ ފްލެޓުތައް ވުޖޫދުގައިވެސް ނެތްކަމަށް ކުރިން ވިދާޅުވި ނަމަވެސް ފަހުން އޭގެ ތެރެއިން އެމްޑަބްލިއުއެސްސީން ތަރައްގީކުރި 36 ފްލެޓެއް ލިބެން ހުރިކަމަށް އަސްލަމް ވިދާޅުވިކަން ޝިޔާމްގެ މައްސަލައިގައި ފާހަގަކުރެއްވި އެވެ.

މިއާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ނަޝީދު ވަނީ މިނިސްޓަރު އަސްލަމް އެފަދައިން ވިދާޅުވީ ކޮންތަނެއްގައިތޯ ސުވާލު ކުރައްވައިފަ އެވެ. އަދި މިނިސްޓަރު އެފަދައިން ވިދާޅުވި ތަނެއް ހޯއްދަވަން ބޭނުންވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑު ވެސް ތިޔަ ފްލެޓް ގެއްލިފަ ހުރިއްޔާ ފެނޭތޯ ބަލަން ބޭނުން

- މަޖިލިސް ރައީސް މުހައްމަދު ނަޝީދު

ހިޔާ މަޝްރޫއުގެ ދަށުން ދޭން އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓްތައް ކުރީ ސަރުކާރުން އަޅަން ފަށާފައި ނުވާކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. ނޫސްވެރިންގެ ހާޒިރުގައި އަސްލަމް އެފަދައިން ވިދާޅުވިއިރު، އޭނާ ވަނީ ހިޔާ މަޝްރޫއުގެ ތިން ކެޓެގަރީއެއްގެ ފްލެޓުތައް އަޅަން ފަށާފައި ނުވާކަން ސާފުކޮށް ބަޔާން ކުރައްވައިފަ އެވެ.

އެހެންނަމަވެސް ފަހުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަސްލަމް ވަނީ 36 ފްލެޓެއް ނިމިފައިވާކަން ހާމަކުރައްވައިފަ އެވެ. އަދި އެއީ އެމްޑަބްލިއުއެސްސީން އެޅި ފްލެޓުތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން އެއް ކޮޓަރީގެ ފްލެޓުތައް ދޭން ނިންމީ، ސަރުކާރު ކުންފުނިތަކުން ހިޔާ މަޝްރޫއުގެ ދަށުން އަޅާ ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފްލޯއިންނެވެ. އެ ފްލެޓުތައް ހިޔާ މަޝްރޫއަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދޭން ނިންމީ ސަރުކާރުން އެތަންތަން ގަނެގެންނެވެ.

މި ސަރުކާރުން ވަނީ އެ ފްލެޓުތައް ސަރުކާރަށް ގަންނަން ލިބެން ނެތްކަމަށް ބުނެ ތިން ކެޓެއަރީއެއްގެ ފޯމުތައް ބާތިލުކޮށްފަ އެވެ. އެއީ ނ18 އަހަރާއި 40 އަހަރުގެ ޒުވާނުންނަށް ހާއްސަކުރި ކެޓެގަރީ އާއި، އަލަތު ކައިވެނި ކުރާ ފަރާތްތަކަށް ހާއްސަ ކެޓެގަރީގެ އިތުރުން މާލެ ދަފްތަރަށް ހާއްސަ ކުރި ކެޓެގަރީ އެވެ.