ކޮވިޑް19: ރޭގަނޑު 20:00 ގެ ފަހުން ރެސްޓޯރަންޓް، ކެފޭތައް ބަންދު ކުރަން ނިންމައިފި

މާލެގައި ހިންގާ ކެފޭއެއް (ފައިލް)
މާލެގައި ހިންގާ ކެފޭއެއް (ފައިލް)
ހުކުރު , 26 ފެބްރުއަރީ 2021 | 06:38

ރޭގަނޑު 20:00 ގެފަހުން މާލެ އޭރިއާގެ ކެފޭ ރެސްޓޯރެންޓްތަކުން ހިދުމަތްދިނުން މަނާކޮށްފިއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ވިދާޅުވީ، މި ނިންމުމަކީ ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ ރައްކާތެރިވުމުގެ ގޮތުން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނިންމެވި މުހިންމު ނިންމެވުމަށް ކަމަށެވެ.

މާލެ ސަރަޙައްދުގައި ކޯވިޑް-19ގެ ހާލަތު ވަރަށްބޮޑަށް ގޯސްވެފައިވާތީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން އިތުރު ފިޔަވަޅެއްގެގޮތުގައި މިމަހުގެ 27 ވާ ހޮނިހިރުދުވަހުގެ ރެއިން ފެށިގެން 7 ދުވަހުގެ މުއްދަތަށް މާލެ ސަރަޙައްދުގެ (މާލެ، ހުޅުމާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅުގެ) ކެފޭ، ރެސްޓޯރެންޓުތަކުގައި ރޭގަނޑު 20:00ގެ ފަހުން ކެއިންބުއިމުގެ ހިދުމަތްދިނުން ވަނީ މަނާކޮށްފައެވެ.

ޑރ.ފާތިމަތު ނަޒްލާ ވިދާޅުވީ މިގޮތަށް ނިންމެވި ނަމަވެސް ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތް ރޭގަނޑު 10:30އާއި ހަމައަށް ދެވޭނެ ކަމަށެވެ.

އެޗްޕީއޭގެ ގަރާރުގައިވާ ގޮތުން މި ފިޔަވަޅު ތަންފީޒުކޮށް އެ ފިޔަވަޅަށް ފުރިހަމައަށް އަމަލު ކުރުމަށް އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް ވަނީ އަންގާފައެވެ. އަދި މި އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށްވެސް އެންމެހައި ފަރާތްތަކަށް އަންގާފައިވެއެވެ.