އިދިކޮޅު އެއްވުން ގާނޫނާ ހިލާފު ކަމަށް ބުނެ ފުލުހުން ގިނަ ބަޔަކު ހައްޔަރުކޮށްފި

އިދިކޮޅު ފަރާތްތަކުން މިއަދު ކުރަމުންދާ މުޒާހަރާގެ ތެރެއިން
އިދިކޮޅު ފަރާތްތަކުން މިއަދު ކުރަމުންދާ މުޒާހަރާގެ ތެރެއިން
ހުކުރު , 26 ފެބްރުއަރީ 2021 | 16:55

ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދާ އެއްވުން ގާނޫނާއި ހިލާފު ކަމަށް ބުނެ އެއްވުން ނުފަށަނީސް ފުލުހުން ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ.

އިތުރު މީހުންނަށް ނުނިކުމެވޭ ގޮތަށް އެސްއޯ ފުލުހުން ވަނީ ޕީޕީއެމް އޮފީސް ކުރިމަތީ ސަފު ހަދާފައެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމްވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި ޕީއެންސީގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް އާއި، މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްވެސް ވަނީ ހައްޔަރުކޮށްފައެވެ.

Articl Inline Image
Articl Inline Image
Articl Inline Image
Articl Inline Image

މީގެ ދެގަޑިއެއްހާއިރު ކުރިން ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އަދި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނާ ވެސް ހިލާފަށް މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި އެއްވުންތަކެއް ބޭއްވުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރުން އިންތިހާ އަށް އިތުރުވެފައިވާ މި ދަނޑިވަޅަކީ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތް ކުރަން ޖެހޭ ވަގުތު ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

އެހެންކަމުން މިފަދަ ގާނޫނާއި ގަވައިދާ ހިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ. އަދި ހުރިހާ އެންމެން ވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭގެ އެންގުންތަކާ ހިލާފުވެ އެންމެހާ ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އަމަލުތައް ބަހައްޓާ މީހުންނާ މެދުގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ދީފައެވެ.