ޒަހާއަށް މަޖިލީހުން ނޯޓިސް ފޮނުވައިފި، ދިފާއުގައި މައުމޫނު

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު
ބުރާސްފަތި , 11 މާރޗް 2021 | 14:52

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދަށް ރައްޔިތުންގެ މަޖިލީހން މިއަދު ނޯޓިސް ފޮނުވައިފި އެވެ.

މިއަދު ފޮނުވާފައިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވާތީ ޖަވާބުދާރީ ވުމަށް 14 ދުވަހުގެ ނޯޓިސް އެކެވެ.

މިނިސްޓަރު ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުންނެވެ. އެ ގަރާރުގައި ސޮއިކުރެއްވީ ޕީޕީއެމް އާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ނުވަ މެންބަރުންގެ އިތުރުން ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ޒަހާއަށް ފުރިހަމައަށް އިތުބާރު އޮތްކަމަށް ވިދާޅުވެ އެމްއާރުއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު އިއްޔެ ވަނީ ޓުވީޓެއް ކުރައްވައިފަ އެވެ. އެގޮތުން މައުމޫނު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަށާއި މަސްވެރިންނަށް ހިދުމަތްކޮށްދިނުމުގައި ޒަހާ ގެންދަވަނީ އިހުލާސްތެރި މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މައުމޫނު މިފަދައިން ވިދާޅުވިއިރު އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ކެބިނެޓަށް ފުރިހަމައަށް އިތުބާރު ކުރައްވާކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މިނިސްޓަރެއްގެ އިތުބާރު ގެއްލިއްޖެނަމަ މަގާމުން ދުރުކުރުމުގެ މަސައްކަތް ސީދާ އެމަނިކުފާނު ކުރައްވާނެ އެވެ.

ގާނޫނު އަސާސީގައި އޮންނަ ގޮތުންނަމަ ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ މެމްބަރުންގެ ދެބައިކުޅަ އެއްބައިގެ އަގުލަބިއްޔަތަކުން އެކަމަށް ވޯޓު ދެއްވުމުންނެވެ. އެގޮތުން 87 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓު ޒަހާގެ އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވާނެ އެވެ.

އިދިކޮޅުން ޒަހާގެ މައްސަލަ ހުށަހެޅި ނަމަވެސް މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީން އެކަމަށް ބޭނުން ނުވެއްޖެނަމަ މިހާރު އޮތް މަޖިލީހުގައި އެއްވެސް ކަމެއް ނުކުރެވޭނެ އެވެ. އެއީ މެމްބަރުންގެ ތެރެއިން 65 މެމްބަރުން ނިސްބަތްވަނީ އެމްޑީޕީއަށް ކަމަށްވާތީ އެވެ. ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީގެ ޕީޖީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އެހެންނަމަވެސް މީގެ ކުރިން ޒަހާއަށް އަމާޒުކޮށް އެމްޑީޕީން ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފަ އެވެ. ހާއްސަކޮށް މަސްވެރިކަމުގެ ސިނާއަތަށް ވައުދުތައް ނުފުއްދި ލަސްވާ މައްސަލައިގައި ޒަހާއަށް ފާޑުކިޔުންތައް އަމާޒު ކުރެ އެވެ.