ރާއްޖެ އަބަދުވެސް ކުރިއަށް ދާނީ ގައުމީ އިސްލާމީ ވިސްނުމެއްގައި: މައުމޫނު

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު
ހޮނިހިރު , 13 މާރޗް 2021 | 19:11

ދިވެހިރާއްޖެ އަބަދުވެސް ކުރިއަށް ދާނީ ގައުމީ އަދި އިސްލާމީ ވިސްނުމެއްގައި ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

ޓުވީޓެއް މެދުވެރިކުރައްވައި މައުމޫނު މިއަދު ވިދާޅުވީ ވޭތުވެ ދިޔަ ދިގު މުއްދަތުގައިވެސް ރާއްޖެ ކުރިއަށް ދިޔައީ އެ ވިސްނުމުގައި ކަމަށެވެ. އަދި މުސްތަގުބަލުގައިވެސް ރާއްޖެ ކުރިއަށް ދާނީ ހަމަ ގައުމީ އަދި އިސްލާމީ ވިސްނުމުގައި ކަމަށް ވިދާޅުވި އެވެ.

މައުމޫނު މިފަދައިން ވިދާޅުވީ ކޮން ކަމަކާ ގުޅުވައިގެންކަމެއް ތަފްސީލުކޮށް ވިދާޅުވެފައެއް ނުވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިސްލާމް ދީނާއި ގުޅުވައި ތަފާތު އެކި މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން އަމިއްލަ ޖަމިއްޔާއަކުން ރަސޫލާ އަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓެއްގެ މައްސަލައިގެ އިތުރުން ދީނުގެ އަސާސްތަކާއި ހިލާފު ވާހަކަތަކެއް ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުން ދެއްކެވި މައްސަލަތަކެއްވެސް މީގެ ކުރިން ފެންމަތިވި އެވެ.

ދީނާއި ދެކޮޅު ވާހަކަތަކާއި ގުޅިގެން ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާކަމުގެ ކަންބޮޑުވުންވެސް އެބަ އޮތެވެ. އެގޮތުން ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު ޖަމިއްޔާ އުވައިލި ނަމަވެސް އެ ޖަމިއްޔާއާއިމެދު މިހާތަނަށްވެސް ސަރުކާރުން ފިޔަވަޅު އަޅާފައެއް ނުވެ އެވެ.