ވެންޓިލޭޓަރު ގަންނަން ދައުލަތުން ހަރަދުކުރި ފައިސާ ހޯދަން އާބިޓްރޭޝަނަށް

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މަބުރޫކު އަޒީޒު
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މަބުރޫކު އަޒީޒު
ބުދަ , 31 މާރޗް 2021 | 15:03

ރާއްޖެއަށް ބޭނުންވާ 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ ކުންފުންޏަކަށް ދައުލަތުން ދެއްކި ފައިސާ އަނބުރާ ހޯދަން އާބިޓްރޭޝަން އަކަށް ދާން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ދުބާއީގެ އެކްޒެކިއުޓާޒް ކުންފުންޏަށް ދައުލަތުން ދީފައިވަނީ 30.91 މިލިއަން ރުފިޔާ އެވެ. 75 ވެންޓިލޭޓަރު ގަންނަން އެފައިސާ ދިން ނަމަވެސް ރާއްޖެއަށް ފޯރުކޮށްދީފައިވެނީ 15 ވެންޓިލޭޓަރެވެ. ބާކީ 65 ވެންލޭޓަރު ލިބިފައި ނުވާއިރު އެތަކެތި ލިބޭނެ ދުވަހެއްވެސް އަދި ނޭނގެ އެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ފައިސާ ދެއްކުމަށްފަހު ނުލިބި ހުރި ވެންޓިލޭޓަރުތައް ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި އެހެންނަމަވެސް އެމަސައްކަތުގެ އެއްވެސް ނަތީޖާއެއް މިހާތަނަށް ލިބިފައި ނުވާކަމަށެވެ. އެގޮތުން ދުބާއީގެ ކުންފުންޏަށް އެކި ފަހަރުމަތިން ދީފައިވާ ޓައިމްލައިން ފަހަނައަޅާ ގޮސްފައިވާކަމަށް މަބުރޫކު ވިދާޅުވި އެވެ.

ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގޮސް އޭގެ ނަތީޖާއެއް ނިކުމެފައި ނުވާތީ އެކަމާއި ގުޅިގެން އެޓާނީ ޖެނެރަލްގެ ވިސްނުން ހުރީ އާބިޓްރޭޝަންއަކަށް ދާން ކަމަށް މަބުރޫކު ވިދާޅުވި އެވެ. އެކަމަށްޓަކައި އޭޖީ މިހާރު މަސައްކަތްތައް ފައްޓަވާފައިވާކަމަށްވެސް މަބުރޫކު ވިދާޅުވި އެވެ.

ކަން ކުރަންވީ ގޮތް، އެގްޒެކިއުޓާޒް ޖެނެރަލްއާއެކު ހަދާފައިވާ އެއްބަސްވުމުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބަ އޮތް. މިކަން ކުރެވެން ޖެހޭނީ ޔުނައިޓެޑް ނޭޝަންސް ކޮމިޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް ލޯ އާ އެއްގޮތުގެ މަތިން އިންޓަނޭޝާނަލް އާބިޓްރޭޝަނެއްގައި

- މަބުރޫކު އަޒީޒު

މަބުރޫކު ވިދާޅުވި ގޮތުގައި އާބިޓްރޭޝަންގެ ކަންކަން ހިންގާނީ ރާއްޖޭގަ އެވެ. އެހެންނަމަވެސް އާބިޓްރޭޓަރަކަށް ވާނީ ބައިނަލްއަގުވާމީ ފަރާތެކެވެ. ސަރުކާރުން ބޭނުންވަނީ ދުބާއީ ކުންފުންޏާއިއެކު ވެފައިވާ އެގްރީމެންޓާއި ހިލާފުވެފައިވާ ދެކި އެކަމަށް ދެއްކި ފައިސާ އަނބުރާ ހޯދަން ކަމަށް މަބުރޫކު ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ޔޫއޭއީ އަދި ރާއްޖެ އަކީވެސް ނިއު ޔޯކް ޓްރީޓީގެ ބައިވެރިން ކަމަށާއި އެހެންކަމުން އާބިޓްރޭޝަން އިން ސަރުކާރާ އެއްކޮޅަށް މައްސަލަ ނިމިއްޖެ ނަމަ، ފައިސާ އަނބުރާ ހޯދުމުގައި ބައިނަލްއަގުވާމީ ޓްރީޓީތަކުން މަސައްކަތް ކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން ވެންޓިލޭޓަރު މުއާމަލާތުގައި ޖިނާއީ ކަންތައްތަކެއް އުޅޭތޯ ބަލަން ތަހުގީގު ކުރިއަށް ގެންދާނެ ކަމަށްވެސް މަބުރޫކު ވިދާޅުވި އެވެ. އަދި އެ ތަހުގީގަށް އެއްވެސް މީހެއްގެ ކުށެއް ފާހަގަ ވާނަމަ އެމީހަކާއި ދޭތެރޭވެސް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.

މިކަމުގައި އެއްވެސް މީހަކު ޝަމިލުވެފައިވާނަމަ، އެއީ ދިވެއްސެއް ވިޔަސް ނޫން ވިޔަސް އެމީހަކާ ދޭތެރޭ ފިޔަވަޅު އަޅަން އަޅުގަނޑުމެން ބޭނުން

- މަބުރޫކު އަޒީޒު

މަބުރޫކު ވިދާޅުވި ގޮތުގައި ވެންޓިލޭޓަރުގެ މައްސަލައަކީ ބޮޑު މައްސަލައެއްގެ ގޮތުގައި ސަރުކާރުން ދެކެ އެވެ. އަދި ރައްޔިތުންނަށް އެންމެ ބޭނުންވި ދަނޑިވަޅުގައި، ރާއްޖެ ނާޒުކު ހާލަތެއްގައި ވަނިކޮށް ސިއްހީ ދާއިރާއިން ބޭނުންވި ވަސީލަތްތަކެއް ގަތުމުގެ ތެރޭގައި ދިމާވި ކަންކަމާއި ގުޅިގެން ރައްޔިތުން ހިއްސާ ކުރާ ކަންބޮޑުވުންތައް ސަރުކާރުގެވެސް އެބަ ހުރިކަމަށް އޭނާ ވިދާޅުވި އެވެ.