ކެނެޑާ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އެއްމިލިޔަން ޑޮލަރުގެ އެހީއެއް

ކެނެޑާ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އެއްމިލިޔަން ޑޮލަރުގެ އެހީ ދިނުން
ކެނެޑާ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އެއްމިލިޔަން ޑޮލަރުގެ އެހީ ދިނުން
އަންގާރަ , 06 އޭޕްރިލް 2021 | 15:45

ދިވެހިރާއްޖެއިން ކޯވިޑް-19 އާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި، ރައްކާތެރި ގޮތެއްގައި މެޑިކަލް ވޭސްޓް ނައްތާލުމުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ކެނެޑާ ސަރުކާރުން 1.35 ކެނޭޑިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ފޯރުކޮށްދީފިއެވެ.

ކެނެޑާ ސަރުކާރުންނާއި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (WHO) އިން ގުޅިގެން ދިވެހިރާއްޖޭގައި ގާއިމުކުރެވޭ "ޑިސްއިންފެކްޝަން އޮފް މެޑިކަލް ވޭސްޓް" ގެ ނަމުގައި ލޯންޗް ކުރެވޭ މި ޕްރޮޖެކްޓް އިފްތިތާޙް ކުރެއްވުމަށް، މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވުނު ވަރޗުއަލް ރަސްމިއްޔާތެއްގައި، މިނިސްޓްރީ އޮފް ހެލްތުގެ އިސް ބޭބޭފުޅުންނާއި، ސްރީލަންކާގައި ހުންނަ ކެނެޑާގެ ހައިކޮމިޝަނަރގެ އިތުރުން WHOގެ ރާއްޖޭގެ އޮފީހުގެ އެކްޓިންގ ރެޕްރެޒެންޓެޓިވް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، އަޙްމަދު ނަސީމު ވާހަކަފުޅު ދައްކަވަމުން، މިފަދަ މުހިންމު ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަށް ކެނެޑާ ސަރުކާރުންނާއި WHO އިން ގުޅިގެން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަ ކުރައްވާ ދެ ފަރާތަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ކެނެޑާގެ ހައި ކޮމިޝަނަރ، ހިޒް އެގްސެލެންސީ ޑޭވިޑް މެކިނޮން މި ޕްރޮޖެކްޓް ދިވެހިރާއްޖޭގައި ޤާއިމު ކުރެއްވުމަށް ފޯރުދެއްވި އެހީތެރިކަން ފާހަގަ ކުރައްވާ އެ މަނިކުފާނަށް ވަކިން ޚާއްޞަކޮށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހުންނަ WHO ގެ އޮފީހުން ކަމުގައިވާތީ، އެފަރާތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން އުފަލާއެކު ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވިއެވެ.

Articl Inline Image

މި ޕްރޮޖެކްޓްގެ ދަށުން އަތޮޅު ތެރޭގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް' މަރުހަލާތައް ހަރުދަނާކުރުމަށް 40 (ސާޅީސް) އޮޓޯކްލޭވް ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާތަނަށް މިޚިދުމަތް ޤާއިމު ކުރެވިފައިވާ އަތޮޅުތަކުގެ އިތުރުން، 10 އަތޮޅެއްގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް' ގެ ޚިދުމަތްތައް ޤާއިމު ކުރެވިގެންދާނެ ކަމުގައި ވެސް ފާހަގަ ކުރެވުނެވެ.

ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންކުރެވޭ ތަކެތި ރަނގަޅުގޮތުގައި ނައްތާލުމަކީ ކޯވިޑް-19 ފަދަ ގައިންގަޔަށް އަރާބަލިތަކުންނާއި، އެހެނިހެން ޖަރާސީމްތަކުން ރައްކާތެރިވުމަށް ވަރަށް މުހިންމު ކަމެކެވެ. މިޚިދުމަތް ޤާއިމު ކުރުމުގެ ސަބަބުން ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެއެވެ. އަދި ޚިދުމަތް ދިނުމަށް ބޭނުންކުރެވޭ ތަކެތި އަންދާލުން ނިމުމަކަށް ގެނެވި، މިކަމުގެ ސަބަބުން ތިމާވެށްޓަށް ކުރާ ގެއްލުންތައް ވެސް ކުޑަވެގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރެއެވެ.