ހިޔާ ފްލެޓު ދޫކޮށްލާ މީހުންނަށް ދޭނީ ތަނަވަސް ފްލެޓެއް: މިނިސްޓްރީ

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި ފްލެޓުތައް
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި ފްލެޓުތައް
އަންގާރަ , 06 އޭޕްރިލް 2021 | 16:33

ހިޔާ ފްލެޓު ލިބުނު މީހުންގެ ތެރެއިން ފަންނީ ފަރާތްތަކަށް ހާއްސަ ކެޓެގަރީތަކުން ފްލެޓު ލިބި، އެ ފްލެޓު ދޫކޮށްލާ ފަރާތްތަކަށް އެހެން މަޝްރޫއަކުން ފްލެޓު ހަމަޖައްސާއިރު ދޭނީ ތިން ކޮޓަރީގެ ތަނަވަސް ފްލެޓެއްކަމަށް ޕްލޭނިންގް އެންޑް ހައުސިންގް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން ހިޔާ މަޝްރޫއުގެ ފަންނީ ކެޓަގަރީގައި ހިމެނޭ ޑޮކްޓަރުންނާއި ނަރުހުން، ޓީޗަރުން އަދި ސިވިލް ސާވިސް ފްލެޓުގެ ފަންނީ ކެޓަގަރީން ފްލެޓް ލިބޭ ފަރާތްތަކަށް، ހިޔާ މަޝްރޫއުން ލިބޭ ފްލެޓުގެ ބަދަލުގައި، ސަރުކާރުގެ ކުރިއަށްހުރި ހައުސިން މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއަކުން ފްލެޓް ހޯދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އަލަށް ލިބޭ ފްލެޓުތަކަކީ ފަންނީ ފަރާތްތަކަށް ލިބޭ އާމްދަނީ އާއި އެއްހަމައެއްގައި ލިބިގެންދާނެ ބޯހިޔާވަހިކަމަކަށް ވާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. ހަމައެއާއެކު މި ފުރުސަތުގެ ދަށުން ހުރި ހައުސިން މަޝްރޫއުތަކުގެ ފްލެޓުތައް ވެގެންދާނީ، އެ ފްލެޓްތަކުގެ އަގު، ތަނުގެ ފެންވަރާއި އެއްވަރަށް ހިފެހެއްޓިފައިވާ، އަދި ޖާގައިގެ ގޮތުން ތަނަވަސް ތިން ކޮޓަރީގެ ފްލެޓްތަކަށް ކަމަށެވެ.

ފަންނީ ފަރާތްތަކަށް ލިބިފައިވާ ހިޔާ ފްލެޓު ދޫކޮށްލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ފްލެޓް ދޫކޮށްލަން އެދޭނީ ސިޓީ، އީމެއިލް އަދި އެސްއެމްއެސް މެދުވެރިކޮށެވެ. އީމެއިލް ކުރާނީ [email protected] ނުވަތަ [email protected] ނުވަތަ [email protected] އަށެވެ. ވަޓްސްއެޕް މެދުވެރިކޮށް އެސްއެމްއެސް ކުރާނީ 7444971 އަށެވެ. އަދި 4004951, 4004954, 4004955, 4004959 އަށް ގުޅައިގެން ވެސް ފްލެޓު ދޫކޮށްލަން އެދެވޭނެ އެވެ.