ހިޔާ މަޝްރޫއުގެ ގުރުއަތު ނެގުން ބުރާސްފަތި ދުވަހު

ހިޔާ މަޝްރޫއުގެ ފުރަތަމަ ގުރޫޕުގެ ގުރުއަތު ނެގުން ބުރާސްފަތި ދުވަހު ނެގުމަށް ނިންމައިފިއެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޯށްދެއްވުމަށް ހިންގާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ދެއެއްގައި އިމާރާތްކޮށްފައިވާ 6720 ފްލެޓް ލިބިފައިވާ ފަރާތްތަކަށް ލިބެނީ ކޮން ފްލެޓެއްކަން ކަނޑައެޅުމަށްޓަކައި ފްލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުލައި އެފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އެ ކޯޕަރޭޝަނާއި ހަވާލުކޮށްފައި ކަމަށެވެ.
އެހެންކަމުން ސަރުކާރުން އެ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާ ހިޔާ ފްލެޓްގެ ގުރުއަތު ނެގުން އަށެއް އެޕްރީލްވާ ބުރާސްފަތި ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. މިގޮތުން އެންމެ ފުރަތަމަ ގުރުއަތު ނަގާނީ އެޗް 10 ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
ގުރުއަތު ނަގާނީ އެޕްރީލް އަށެއްވާ ބުރާސްފަތި ދުވަހުގެ ހެނދުނު ނުވައަކުން ފެށިގެން އެޗް10 ކެޓަގަރީ ލިސްޓްގައިވާ އެންމެންގެ ގުރުއަތު ނަގާ ނިމެންދެން ކުރިއަށް ގެންދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ. ގުރުއަތު ނަގަމުންދާނީ މި ކެޓަގަރީން ފްލެޓް ލިބިފައިވާ ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެ އައިޑީ ކާރޑު ނަމްބަރުގެ ތަރުތީބުން ކަމަށެވެ.