ސައުދީން ހަދިޔާކުރި ކަދުރު ބަހާނެ ފަރާތްތައް ކަނޑައަޅައިފި

ސައުދީ އަރަބިޔާ އިން ރާއްޖެއަށް ކަދުރު ހަދިޔާ ކުރުން
ސައުދީ އަރަބިޔާ އިން ރާއްޖެއަށް ކަދުރު ހަދިޔާ ކުރުން
ބުދަ , 07 އޭޕްރިލް 2021 | 10:29

1442 ވަނަ އަހަރުގެ ރަމަޟާންމަހު ދިވެހިރާއްޖެއަށް ސައުދީ އަރަބިޔާގެ ސަރުކާރުން ދީފައިވާ 25 ޓަނުގެ (12500 ޕެކެޓް ކަދުރު) މިއަހަރު ބެހުމަށް ހަމަޖެހިފައިވާ ފަރާތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ކަނޑައަޅައިފިއެވެ.

އެގޮތުން އެފަރާތްތަކުގެ ތެރޭގައި ހިމެނެނީ 2020 ވަނަ އަހަރު ފަގީރުންގެ ދަފުތަރުގައި ހިމެނިފައިވާ 10944 މީހުންނާއި، ކުޑަކުދިންގެ ހިޔާ، ފިޔަވަތި، ކ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، އަދި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

އަދި ކަދުރު ބަހާނީ 1441 އަހަރު ފަގީރުންގެ މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ކޮންމެ ފަގީރަކަށް 1 ޕެކެޓް ކަދުރުގެ އުސޫލުން ކަމަށާއި ކަދުރު ބަހާނީ ކަދުރާއި ހަވާލުވާ މީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑު ބެލުމަށްފަހު ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.

މިގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ފަގީރުންނަށް ކަދުރު ބަހާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި މާލެ ސިޓީ ކައުންސިލް ގުޅިގެން އިސްލާމީ މަރުކަޒުގައެވެ. އަދި ރަށްރަށް ނުވަތަ އަތޮޅު ތެރެއަށް ކަދުރު ބަހާނީ އަތޮޅު ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށް ކަމަށެވެ. ކަދުރު ބަހާނީ 7 އެޕްރީލްވާ ބުދަ ދުވަހުން ފެށިގެން 29 އެޕްރީލްވާ ބުރާސްފަތި ދުވަހުގެ 12 ޖެހުމާ ހަމައަށް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.