އިންސާފުވެރި ހަމަހަމަ އިންތިހާބެއް ބާއްވައިދޭން މަޖިލީހުން އީސީގައި އެދިއްޖެ

މިމަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބަކީ އިންސާފުވެރި އަދި ހަމަހަމަ އިންތިހާބެއް ކަމުގައި ހެދުމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން މަސައްކަތް ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން އެދެފި އެވެ.
މިއަދުގެ މަޖިލިސް ޖަލްސާ ފެށުމުގެ ގޮތުން ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާއަކީ ކައުންސިލް އިންތިހާބުގެ ކުރިން ބާއްވާ މަޖިލީހުގެ ފަހު ޖަލްސާކަމަށް ވިދާޅުވެ އީސީއަށް އިލްތިމާސެއް ކުރައްވައިފަ އެވެ. އެގޮތުން އިންސާފުވެރި ހަމަހަމަ އިންތިހާބެއް ބާއްވައިދިނުމަށް އިލެކްޝަންސް ކޮމިޝަނަށާއި، އެކޮމިޝަންގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ ގާތުން އެދޭކަމަށް ނަޝީދު ވިދާޅުވި އެވެ.
އަދި އަޅުގަނޑު ވަރަށް ބޮޑަށް ޔަގީން ކުރަން އިންތިހާބުގެ އެންމެހާ ކަންކަން ހިނގާ ދާނީ އެމަގުން ކަމަށް. އެއީ ވޯޓު ލުމުގެ މަސައްކަތްވެސް އަދި ވޯޓު އިއުލާން ކުރުމުގެ މަސައްކަތް ވެސް.
- މަޖިލިސް ރައީސް މުހައްމަދު ނަޝީދު
ނަޝީދު ވިދާޅުވީ އިންތިހާބުގެ ހުރިހާ ކަންކަމަކީވެސް ދެފުށް ފެންނަ، ގާނޫނާ ގަވާއިދުގެ މަތިން ކުރިއަށް ދާންޖެހޭނެ ކަންކަން ކަމަށެވެ. އަދި އެކަން އެގޮތަށް ދާނެ ކަމާއިމެދުވެސް ޝައްކު ނުކުރައްވާކަމަށް ވިދާޅުވި އެވެ.
ކައުންސިލްތަކުގެ އިންތިހާބު މިމަހު 10 ގައި ކުރިއަށް ގެންދަން ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނައިރު ކޮވިޑް-19 ގެ މި ހާލަތުގައި ވޯޓު ލާން ދާ ރައްޔިތުންގެ ނިސްބަތް ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން މޮނިޓަރިންގައި ހުރި ރަށްތަކުން ހާއްސަ އިންތިޒާމެއްގެ ދަށުން ވޯޓުލުން ކުރިއަށް ގެންދިޔަ ނަމަވެސް އެރަށްތަކުގައި ގިނަ ބަޔަކު ވޯޓު ލާން ނިކުންނާނެ ކަމާއިމެދު ވަނީ ސުވާލު އުފެދިފަ އެވެ.