އިންތިހާބަށް ކުރިމަތިލާ މީހާ މުހިންމެއް ނޫން، މުހިންމީ އެމީހާގެ ޕާޓީ: އަލީ އާޒިމް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ބުދަ , 07 އޭޕްރިލް 2021 | 11:56

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ މީހާ މުހިންމު ނޫންކަމަށާއި މުހިންމީ އެމީހާ ނިސްބަތްވާ ޕާޓީކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ނިކުންނަވާ ބައެއް ބޭފުޅުންނަށް ތާއީދުކޮށް މާލެއަށް ނިސްބަވްވާ ބައެއް ބޮޑެތި ބޭބޭފުޅުން ވަކި ބޭފުޅަކަށް ތާއީދު ކުރައްވައި، ވައްކަމަކީ އޯކޭ ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރައްވާ ކަމަށެވެ. މާލޭ ސިޓީގެ މޭޔަރުކަމަށް އިދިކޮޅުން ވާދަކުރައްވާ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް އިޝާރާތް ކުރައްވަމުން އާޒިމް ވިދާޅުވީ މުހިންމީ ކުރިމަތިލާ މީހާ ނޫން ކަމަށާއި އެމީހާ ނިސްބަތްވާ ޕާޓީ ކަމަށެވެ.

އާޒިމް މިފަދައިން ވިދާޅުވިއިރު މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާ އިދިކޮޅު ކެނޑިޑޭޓަކަށް ބޮޑު ތާއީދެއް އޮތް މިއީ ފުރަތަމަ ފަހަރެވެ. މާލޭގެ މޭޔަރުކަމުގެ ގޮނޑިއާކީ ރާއްޖޭގެ ތާރީހުގައިވެސް ބޮޑު އަގުލަބިއްޔަތަކުން އެމްޑީޕީން ނަގަމުން އައިސްފައިވާ ގޮނޑިއެކެވެ. އެހެންނަމަވެސް މިއަހަރު ފުރަތަމަ ފަހަރަށް ގިނަ ބަޔަކު އިދިކޮޅު ކެނޑިޑޭޓު ޑރ. މުއިއްޒުއަށް ތާއީދު ކުރައްވާފައިވާއިރު އަލަށް އެމްޑީޕީއަށް މިގޮނޑި ކާމިޔާބު ނުވެދާނެކަމުގެ ބިރު ވަރަށް ބޮޑަށް އެބަ އޮތެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި މުއިއްޒުއާއި ދެކޮޅަށް ކެމްޕެއިން ކުރައްވަމުން އާޒިމް އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ވައްކަމާ ދެކޮޅު ޕާޓިއެއް ކަމަށާއި އެޕާޓީގެ ވިސްނުމަކީ ރާއްޖެ ތަރައްގީ ކުރުން ކަމަށެވެ. އަލީ އާޒިމް ވިދާޅުވީ ހަރުދަނާ ސިޔާސަތެއް ގެންގުޅޭ ހަމައެކަނި ޕާޓިއަކީ އެމްޑީޕީ ކަމަށެވެ.

ފަހަރުގައި އެމީހަކު ބޭނުންވާ އަމިއްލަ ކަމެއް ނުކޮށްދެވިފައި އޮވެދާނެ. ވަޒީފާއެއް ނުދެވިފަ އޮވެދާނެ. އެމްޑީޕީއާ އެއްކޮށް ހަތަރުދަމު ބޭރުގަ އުޅުނު މީހަކަށްވެސް އަޅުގަނޑުމެންނަށް ކަމެއް ނުކޮށްދެވިފަ އޮވެދާނެ. އޭގެ މާނައަކީ އެމްޑީޕީ ދެކެ މިއަދު ހިތްހަމަ ނުޖެހުމެއް ނޫން.

- އެމްޑީޕީ ޕީޖީ ލީޑަރު އަލީ އާޒިމް

އާޒިމް ވިދާޅުވީ ތިލަފަތަށް ވޯޓެއް ޖަހައިގެން ނޫނީ ގައުމު ރަނގަޅު މިސްރާބަށް ނުގެންދެވޭނެ ކަމަށެވެ.

އިދިކޮޅުން މާލެ ސިޓީގެ މޭޔަރުކަމަށް ނިކުންނަވާ ކެނޑިޑޭޓު ޑރ. މުއިއްޒުއަށް މާލެއިން އޮތް ތާއީދު ވަރަށް ބޮޑުވެފައިވާއިރު އަދި ރާއްޖޭގެ އެހެން ބައެއް ހިސާބުތަކުގައި އެމްޑީޕީއަށް އޮތް ތާއީދު ކުޑަވެފައިވާއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުރިން ބޭއްވި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ދިން ވޯޓުން ރައްޔިތުންނަށް ރާހަތެއް ނުކުރިނަމަވެސް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ދީފިނަމަ ރާހަތު ކުރާނެ ކަމަށެވެ. ނަޝީދު ވިދާޅުވާ ގޮތުގައި އެމްޑީޕީއަށް ވޯޓު ދީ، ވޯޓު ފޮށިތައް ފުރައިލަން ރައްޔިތުން ތިބީ ކެތް މަދުވެފަ އެވެ.