5 މައްސަލައަށް އޭސީސީން 60 މިލިއަން ރުފިޔާ ހޭދަކުރުމުން ދުންޔާގެ ކަންބޮޑުވުން

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު
ބުދަ , 07 އޭޕްރިލް 2021 | 12:21

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 5 މައްސަލައެއް ބެލުމަށް 60 މިލިއަނަށްވުރެއް ގިނަ ރުފިޔާ ހަރަދުކޮށްފައިވާތީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ދުންޔާ ވިދާޅުވީ އޭސީސީން ބާ ގޮތުގައި ކޮންމެ އަހަރަކު އެކޮމިޝަން ހިންގުމަށް ދައުލަތުގެ ބަޖެޓުން 31 މިލިއަނެއްހާ ރުފިޔާ ހަރަދު ކުރާކަމަށެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާ ގޮތުން އެ ދެ އަހަރު އޭސީސީން ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވީ ޖުމްލަ 5 މައްސަލަ ކަމަށް ދުންޔާ ވިދާޅުވި އެވެ.

ހިސާބުތައް އެއްކުރައްވައި ދެ އަހަރު ދުވަހުގެ ތެރޭގައި އެންމެ 5 މައްސަލަ ބެލުމަށް 60 މިލިއަނަށްވުރެއް ގިނަ ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވާއިރު އެކަން ސަރުކާރުން ތަފްސީލު ކޮށްދޭނީ ކިހިނެއްތޯ ދުންޔާ ސުވާލު އުފެއްދެވި އެވެ.

ދުންޔާ މިފަދައިން ވިދާޅުވިއިރު މިސަރުކާރުގެ ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން މައްސަލައިގައި އަދިވެސް ދައުވާ ނުކުރެ އެވެ. ކޮވިޑް-19 އަށް ފަރުވާ ދޭން ބޭނުންވާ ވެންޓިލޭޓަރުތަކެއް ގެނައުމުގައި 31 މިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް ހިންގި ކަމަށް ބެލެވޭއިރު މިކަމުގެ ތަހުގީގުތައް އޭސީސީން ނިންމައި ދައުވާކުރަން ދެ ފަހަރެއްގެ މަތިން ޕީޖީ އޮފީހަށް ފޮނުވިނަމަވެސް ދައުވާ ކުރެވެން ނެތްކަމަށް ބުނެ އަނބުރާ ފޮނުވައިލީ އެވެ.

އެމައްސަލައިގައި ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމި ނަމަވެސް ޕްރެޝަރު ބޮޑުވެ ޕީޖީން ފަހުން ވަނީ އެނިންމުން މުރާޖައާ ކުރާނެ ކަމަށް ބުނެފަ އެވެ. ވެންޓިލޭޓަރު ވައްކަމާއި ގުޅިގެން އިންޓަނޭޝަނަލް އާބިޓްރޭޝަނަކަށް ތައްޔާރުވަމުން ދިޔަނަމަވެސް ވަގަށް ނެގި ފައިސާއަށްވުރެއް ބޮޑު ހަރަދެއް އާބިޓްރޭޝަން މަރުހަލާއަށް ދައުލަތުން ކުރަންޖެހޭނެ ކަމަށް ބެލެވެ އެވެ. އަނެއްކޮޅުން އާބިޓްރޭޝަންގައި ފައިސާ އަނބުރާ ހޯދުނު ނަމަވެސް ކޮރަޕްޝަންގައި ބައިވެރިވި ދައުލަތުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ނުގެނެވޭނެ އެވެ.