ޕީޖީ ޝަމީމްގެ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި

ޕީޖީ ހުސައިން ޝަމީމް
ޕީޖީ ހުސައިން ޝަމީމް
ބުދަ , 07 އޭޕްރިލް 2021 | 14:59

ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ތުހުމަތުކުރާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އިއްޔެގެ ވަގުތެއްގައި އެމައްސަލަ އޭސީސީ އަށް ހުށަހެޅުއްވީ ވަށަފަރު ކައުންސިލްގެ ކުރީގެ ނައިބް ރައީސް އަހްމަދު ގާލިބް އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަމީމްގެ މައްޗަށް ނަހަމަ ގޮތުގައި މަގާމުގެ ނުފޫޒު ބޭނުންކުރާކަމުގެ ތުހުމަތު ކޮށްފައިވަނީ "އަދަދު" ކިޔާ އޮންލައިން ނޫހެއްގައި ލިޔުއްވި ލިޔުމަކާއި ގުޅިގެންނެވެ. ޝަމީމް އެ ނޫހައް ލިޔުއްވަނީ ކޮލަމިސްޓެއްގެ ގޮތުގަ އެވެ.

ޝަމީމަށް ފައިސާ ނުވަތަ މުދަލެއް ލިބިވަޑައިނުގެންނެވި ނަމަވެސް އެ ނޫހުގައި ލިޔުއްވުމަކީ މަގާމުގެ ހައިސިއްޔަތުން ނާޒާއިޒް މަންފާ ހޯދައިދިނުމަށް ހިންގި އަމަލެއް ކަމަށް މައްސަލައިގައި ވަނީ ތުހުމަތުކޮށްފަ އެވެ. ޝަމީމް ދައުލަތުގެ އިސް މަގާމެއްގައި ހުންނަވައި ނޫހަކަށް ލިޔުއްވުމުން އެ ނޫހަށް ފައިދާ ހޯދައިދެވޭކަމަށް ބުނެފައިވެ އެވެ. އޮނަލްއިން ނޫސްތައް ހިންގަނީ ސްޕޮންސަރުންނަށް ބަރޯސާ ވެގެން ކަމަށާއި ޝަމީމް ލިޔުއްވި ނޫހަކީވެސް ވާދަވެރި އޮންލައިން ނޫހެއްކަން ފާހަގަކޮށްފައި ވެއެވެ/

ޝަމީމްގެ އެ އަމަލަކީ ގާނޫނުއަސާސީގެ 222 ވަނަ މާއްދާގެ ރޫހާ ހިލާފު އަމަލެއް ކަން ފާހަގަކޮށް މައްސަލައިގައި އެދިފައިވަނީ އެ މައްސަލަ އަވަހަށް ތަހުގީގުކޮށް ޖިނާއީ ދައުވާއެއް ކޮށްދިނުމަށެވެ. އޭސީސީން މައްސަލަ ބަލައި ނިންމަންދެން ޕީޖީގެ މަގާމުން ޝަމީމް ސަސްޕެންޑް ކޮށްދިނުމަށްވެސް އެދިފައިވެ އެވެ.

ޕީޖީގެ މަގާމުގައި ހުންނަވައިގެން ރަސްމީ މަސައްކަތާއި ގުޅޭ ވާހަކަތަކެއް އެމްޑީޕީގެ މަސްލަހަތު އޮންނަ "ރާއްޖެ ޓީވީގެ" ސަމާސާ ޝޯވްއެއްގައި ޝަމީމް ދެއްކެވުމާއި ގުޅިގެން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ޝަމީމް ސަމާސާ ރާގެއްގައި އެޓީވީ ޝޯވގައި ދެއްކެވީ ވެންޓިލޭޓަރު ވައްކަމާއި ގުޅުންހުރި ވާހަކަތަކެކެވެ. އެމައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.