މި ސަރުކާރުގެ އެންމެ ފުރަތަމަ ހައުސިންގް މަޝްރޫއަށް އަންނަ މަހު ހުޅުވާލަނީ

ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް
ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް
ބުދަ , 07 އޭޕްރިލް 2021 | 16:03

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލެ ސަރަހައްދުގައި އަޅާ އެންމެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މެއިމަހުގެ ތެރޭގައި ހުޅުވައިލާނެ ކަމަށް ހައުސިންގް އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަސްލަމް ވިދާޅުވީ އެ ހައުސިންގް މަޝްރޫއުއަށް ޕޮއިންޓު ދޭނެ ގޮތުގެ އުސޫލު މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ ހައުސިންގް ޕްރޮޖެކްޓުގައި ޕޮއިންޓު ދޭނެ ގޮތް މިއަދު އިއުލާން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ މަހު ހުޅުވާލާ ހައުސިންގް ޕްރޮޖެކްޓުގައި ފްލެޓު ދޭނީ ތިން ކެޓެގަރީއަކަށެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދޭނީ މާލޭގައި ދިރިއުޅޭ މާލޭ ރައްޔިތުންގެ ތެރެއިން 600 އަކަފޫޓަށްވުރެއް ކުޑަ ބިން ހުރި ފަރާތްތަކަށް ވަގުތުން ވަގުތަށް ބޯހިޔާވަހިކަން ދިނުމަށްކަމަށް އަސްލަމް ވިދާޅުވި އެވެ. އެފަދަ 6000 އެއްހާ ރައްޔިތުން އުޅޭކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ އަންނަ މަހު ހުޅުވާލާ ޕްރޮޖެކްޓުގެ ބޮޑު ބައެއް ހާއްސަ ކޮށްފައިވާނީ މާލެ ރައްޔިތުންނަށްކަމަށެވެ.

އިތުރު ކެޓެގަރީގެ ތެރޭގައި އެންމެ ހާލަތު ދަށް އަދި ތަނަވަސްކަން ނެތް ފަރާތްތަކަށް ކައުސިލް ހައުސިންގް، އެފޯޑަބަލް ހައުސިންގެ އިތުރު މިޑްލް އިންކަމް ކެޓެގަރީ ހިމެނެ އެވެ. އަސްލަމް ވިދާޅުވީ މިއިން އެއްވެސް ކެޓަގަރީއަކަށް ހުށަހަޅާއިރު އެމީހަކު އަދާކުރާ ވަޒީފާއަށް ނުބަލާނެ ކަމަށެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، މާލެ ސަރަހައްދުގައި އަޅަން މިހާރު ހަވާލުކޮށްފައި ހުރި 5000 ފްލެޓުގެ މަސައްކަތް ނިމޭނެ އެވެ. އަދި އިތުރު ޕްރޮޖެކްޓުތައްވެސް ކުރިއަށް އޮތްތަނުގައި މާލެ ސަރަހައްދުގައި ސަރުކާރުން ފަށާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.