ވެކްސިންދޭ މަރުކަޒުތައް މިމަހުގެ 10 ން 13 އަށް ބަންދުވާނެ

ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވަނީ
ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވަނީ
ބުދަ , 07 އޭޕްރިލް 2021 | 21:55

އެޗްޕީއޭއިން ކުރިއަށް ގެންދާ ކޮވިޑް19 ދިފާއު ވެކްސިން ދިނުމުގެ ހަރަކާތްތައް މިމަހުގެ 10 ން 13 އަށް ބަންދުވާނެ ކަމަށް އެ އެޖެންސީން ބުނެފިއެވެ.

އެހެންކަމުން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން މިދުވަސްތަކަށް ބަންދު ވުމުގެ ކުރިން ވެކްސިން ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސް ކޮށްފައެވެ. މިމަހުގެ 10 ވަނަ ދުވަސް ބަންދުވާނެ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވާއިރު އެދުވަހަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ދުވަހެވެ. އަދި އެގާރަ އާއި ބާރަ އެޕްރީލް ވަނަ ދުވަސް އެއީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމުހޫރިއްޔާ ކަނޑައަޅާފައިވާ ދެ ދުވަހެވެ.

އެހެންކަމުން މިހާރު ވެކްސިން ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތައް މި ހަތަރު ދުވަހަށް މެދު ކަނޑާލާނެ ނަމަވެސް މީގެ ކުރިން އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ރޯދަމަހުގެ ތެރޭގައި ވެކްސިން ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރޭގަނޑުގެ ވަގުތުގައެވެ.