ނަޒްރާ އާއި ނޫޝިންއަށް މަގާމުގެ ކުރިއެރުން ދީ މުސާރަ ބޮޑުކޮށްފި

ނޫޝިން އާއި ނަޒްރާ
ނޫޝިން އާއި ނަޒްރާ
އާދިއްތަ , 02 މެއި 2021 | 16:25

ރައީސް އޮފީހުގެ އެންޓި ޓެރަރިޒަމް ކޮންސަލްޓަންޓްގެ މަގާމުގައި ހުންނެވި އައިޝަތު ނޫޝީން ވަހީދާއި ޗީފް އެކްޒެކެޓިވް ޓު ވައިސް ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި ނަޒްރާ ނަސީމަށް މަގާމުގެ ކުރިއެރުން ދީ މުސާރަ ބޮޑުކޮށްފި އެވެ.

ރައީސް އޮފީހުގައި ނޫޝިންއަށް ކުރިއެރުން ދީފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެ އެވެ. އަލަށް ދިން މަގާމަކީ ރައީސް އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާސް އޮފީހުގެ ސެކްރެޓަރީގެ މަގާމެވެ. މިއީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.

މީގެ އިތުރުން ނައިބު ރައީސްގެ އޮފީހުގެ ޗީފް އެކްޒެކެޓިވްކަން ކުރައްވާ، ނައިބު ރައީސްގެ ކޮއްކޯފުޅު ނަޒްރާ ނަސީމްގެ މަގާމަކީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅައިފަ އެވެ. ނަޒްރާއަށް ކުރިއެރުން ދިނީ މިދިޔަ ފެބުރުއަރީ މަހު އެވެ. ނަޒްރާ އަކީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އަނބިކަނބަލުންނެވެ. އަދި ނައިބުރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އެވެ.

ނަޒްރާއާއި ނޫޝިންއަށް މީގެ ކުރިން ލިބެމުން ދިޔައީ މުސާރައިގެ ގޮތުގައި 20،500 ރުފިޔާ އަދި އެލެވެންސްގެ ގޮތުގައި 15،000 ރުފިޔާ އެވެ. މުޅި ޖުމްލަ 35،500 ރުފިޔާ އެވެ.

މަގާމަށް ގެނެވުނު ބަދަލާއިއެކު މުސާރައިގެ ގޮތުގައި 32،000 ރުފިޔާ އަކި އެލެވެންސަށް 15،000 ރުފިޔާ ލިބޭނެ އެވެ. މިއާއެކު ޖުމްލަ ގެއަށް ގެންދަން 47،500 ރުފިޔާ ނޫޝީން އާއި ނަޒްރާއަށް ލިބޭނެ އެވެ.