ޓެސްޓްޕޭޕަރު ރާއްޖެއިން ލީކުނުވާނެ ކަމަށް ބުނާ ބަހުގެ ބަރުދަނެއް ނެތް: އާދަމް ޝަރީފް

މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު
މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު
ހޯމަ , 03 މެއި 2021 | 13:51

އޯލެވެލް ޓެސްޓް ޕޭޕަރު ރާއްޖެއިން ލީކުނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނާ ބަހުގެ ބަރުދަނެއް ނެތް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނު ފެށުމުގެ ކުރިން ގިނަ ޕޭޕަރުތަކެއް ލީކުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓުވީޓެއްގައި މެމްބަރު ޝަރީފް ވިދާޅުވީ، އީމެއިލް މެދުވެރިކޮށް ރާއްޖޭގެ ބައެއް ސެންޓަރުތަކަށް ޓެސްޓް ޕޭޕަރު ފޮނުވާފައިވާ ކަމަށެވެ. އެހެންކަމުން ޓެސްޓް ޕޭޕަރު ރާއްޖެއިން ލީކުނުވާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނާ ބަހުގެ ބަރުދަނެއް ނެތް ކަމަށެވެ.

ކުދިންގެ މުސްތަގުބަލަށްވުރެ ބޮޑަށް އެކްސެލްއަށް ފައިދާ ހޯދައިދޭން ޕޭޕަރު ޑިސްކޮންޓިނިއު ނުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިއީ ބޮޑު އިހުމާލެއް ކަމަށް އާދަމް ޝަރީފް ތުހުމަތު ކުރެއްވިއެވެ.

މިކަމާގުޅިގެން ނެރުނު ބަޔާނެއްގައި އެޑިއުކޭޝަނުން ބުނެފައިވަނީ، އޭލެވެލް ސުވާލު ކަރުދާހެއް ދިވެހިރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން ލީކުނުވާ ކަމަށެވެ.

އެޑިއުކޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިހާރު ކުރިއަށްދާ އޭލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކީ ބެލެެހެއްޓުމާއި، ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކައި އެޅިފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިހުރި އުސޫލުތަކާއި އެއްގޮތަށް ރާއްޖޭގެ ސުކޫލުތަކުގައި ކުރިއަށްދާނެ ކަމަށެވެ.

ނަމަވެސް މި އިމްތިހާނުގެ ބައެއް ސުވާލު ކަރުދާސްތައް ރާއްޖެއިން ބޭރުގެ ބައެއް އޮންލައިން ޕްލެޓްފޯމްކުން ލީކުކުރަމުންދާ ކަމަށް ދެކެވޭ ވާހަކައާ ގުޅޭގޮތުން އެމިނިސްޓްރީން ބުނެފައިވަނީ މިފަދަ މައުލޫމާތުތަކެއް ލިބެމުން ދިއުމާއި ގުޅިގެން އެޑްކްސެލްއިން މިމައްސަލަ ބަލަމުންދާ ކަމަށެވެ. މިކަމާގުޅިގެން އެހެންގޮތަކަށް އަމަލުކުރުމަށް އެޑެކްސެލްއިން އަންގަންދެން މިހާރު ތާޥަލްކުރެވިފައިވާ ގޮތަށް ދިވެހިރާއްޖޭގައި އޭލެވެލް އިމްތިހާނު ކުރިއަށްދާނެ ކަމަށްވެސް އެޑިއުކޭޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.