ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަކިކޮށްފި

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު
އަންގާރަ , 04 މެއި 2021 | 01:18

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދު އެ މަގާމުން ވަކިކޮށްފި އެވެ.

ޒަހާއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް ގެ ސްލޮޓެއްގައި މިނިސްޓަރުކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.

ޒަހާ މަގާމުން ވަކިކުރެއްވިކަން އޭނާއަށް މިހާރު ވަނީ އަންގަވައިފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން ޒަހާއަށް އެންގެވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ގުޅުއްވައި ފޯނު މެދުވެރިކޮށެވެ. ޗިފް އޮފް ސްޓާފް ވަނީ ޒަހާ ރައީސް އޮފީހަށް ބަދަލުކޮށްފައިވާކަންވެސް އަންގަވައިފަ އެވެ. އެހެންނަމަވެސް ދެއްވީ ކޮން މަގާމެއްކަމެއް އަދި އެ މަގާމު ޒަހާ ގަބޫލުކުރެއްވިކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން އުޅުއްވާކަމުގެ ވާހަކަތަކެއް މިދިޔަ ހަފްތާގެ ތެރޭގައި ދެކެވުނެވެ. އެގޮތުން މިނިސްޓަރު ޒަހާ ހުންނެވި މިނިސްޓްރީން ވަކި ކުރައްވައި ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އައްޔަނުކުރައްވަން އުޅޭ ކަމުގެ ވާހަކަތަކެއް އޭރު ދެކެވުނެވެ.

މީގެ އިތުރުންވެސް އެހެން ބައެއް މިނިސްޓަރުންގެ މަގާމުތަކަށް ބަދަލު ގެންނަވައި، ބައެއް މިނިސްޓުން ވަކި ކުރައްވަން އުޅޭކަމުގެ އަޑުތައް ފެތުރުނު ނަމަވެސް އެހެން މަގާމަކަށް ބަދަލު ގެނަސްފައެއް އަދި ނުވެ އެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރު ހިންގުން ހަރުދަނާ ކުރުމަށް ކުރިއަށް އޮތްތަނުގައި ރައީސް ސޯލިހު ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ. އިތުރު ތަފްސީލެއް ރައީސް އޮފީހުން ނުދެ އެވެ.