ވެކްސިން ހުސްވީ އިންޑިއާއިން ގެންނަން ތާވަލުކުރި ޝިޕްމެންޓު ނުލިބުމުން: ސަރުކާރު

އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އަންގާރަ , 04 މެއި 2021 | 15:03

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި ދެމުން އައި ކޮވިޝީލްޑް ވެކްސިން ހުސްވެ، ދެވަނަ ޑޯޒް ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ މިދިޔަ މަހުގެ ތެރޭގައި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ފޯރުކޮށްދޭން ބުނި ޝިޕްމެންޓު ނުލިބުމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޝީލްޑް ވެކްސިން ދިނުން ވަގުތީ ގޮތުން ހުއްޓައިލުމަށްފަހު އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް ވެކްސިން ހޯދުމަށް މިހާތަނަށް ދެ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އެއީ ސިންގަޕޫރުގެ އެސްޓްރެޒެނިކާ ކުންފުންޏާއިއެކު ހެދި އެއްބަސްވުމާއި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާއިއެކު ހެދި އެއްބަސްވުމެކެވެ.

އެސްޓްރެޒެނިކާ ކުންފުންޏާއިއެކު ހެދި އެއްބަސްވުމުގެ ދަށުން 700،000 ޑޯޒް "އެސްޓްރެޒެނިކާ" ވެކްސިން ލިބެން ޖެހޭނެ ކަމަށާއި އެހެންނަމަވެސް އެ ވެކްސިން ލިބޭނެ ކަމަށް އަންގާފައިވަނީ އަންނަ ޖޫން މަހުގެ ތެރޭގައި ކަމަށް ބުންޏެވެ. އެސްޓްރެޒެނިކާ ކުންފުންޏަށް ވެކްސިން ގަންނަން ފައިސާ ދެއްކީ މިދިޔަ ޑިސެމްބަރު މަހު އެވެ.

މީގެ އިތުރުން ސީރަމް އިންސްޓިޓިއުޓާއިއެކު ހެދި އެއްބަސްވުމުގެ ދަށުން 300،000 ކޮވިޝީލްޑް ޑޯޒް ލިބެންޖެހޭ ނަމަވެސް ލިބުނީ 100،000 ޑޯޒް އެވެ. އެޗްޕީއޭއިން ބުނީ މިދިޔަ މަހު އިތުރު ޝިޕްމެންޓެއް ލިބެއް ތާވަލުކޮށްފައި އޮތް ކަމަށެވެ. އެހެންނަމަވެސް ކޮވިޝީލްޑް ވެކްސިން މިހާރު ހުސްވުމާ ގާތަށް ގޮސްފައިވަނީ އެ ޝިޕްމެންޓު ނުލިބި ލަސްވުމުންނެވެ.

މީގެ އިތުރުން ބަޔާނުގައި ވަނީ އިންޑިއާގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާތީ މުޅި ދުނިޔެއަށް ވެކްސިން ހޯދުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާ އާއިއެކު ގާތް ގުޅުމެއް ބާއްވަ އެވެ. އިންޑިއާއިން ރާއްޖެއަށް ދެ ލައްކަ ޑޯޒް ކޮވިޝީލްޑް ވެކްސިން ހަދިޔާ ކުރި އެވެ. ދެވަނަ ޑޯޒް ޖެހުމަށް ރައްކާ ނުކޮށް ދެލައްކަ ޑޯޒް އެއްކޮށް ވަނީ އާންމުންނަށް ފުރަތަމަ ޑޯޒްގެ ގޮތުގައި ދީ ހުސްކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވަނީ 297،639 މީހުންނަށެވެ. އެއީ ކޮވިޝީލްޑްގެ އިތުރުން ސިނޯފާމް އާއި ފައިޒާ ވެކްސިން އެވެ. ފުރަތަމަ ޑޯޒް ޖަހާފައިވަނީ ވެކްސިން ޖެހުމަށް އެލިޖިބަލް އާބާދީގެ 67.69 އިންސައްތަ އަށެވެ. ދެވަނަ ޑޯޒް ދެވުނީ އާބާދީގެ 24.67 އިންސައްތައަށެވެ.