އަބަދުވެސް އެދެނީ ޗައިނާއަށް މަދަދުވެރިކަމާއި ހެޔޮ އެދުން - ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޗައިނާ ސަފީރާ ބައްދަލުކުރެއްވުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޗައިނާ ސަފީރާ ބައްދަލުކުރެއްވުން
އަންގާރަ , 18 ފެބްރުއަރީ 2020 | 19:11

މިވަގުތަކީ އެންމެންވެސް ޗައިނާއާ ދޭތެރޭގައި އިހްލާސްތެރިކަމާއި މަދަދުވެރިކަމާއެކު ޢަމަލުކުރަންޖެހޭ ވަގުތެއް ކަމަށާއި އަބަދުވެސް އެދެނީ ޗައިނާއަށް މަދަދުވެރިކަމާއި، އިޚްލާޞްތެރިކަމާއި ހެޔޮއެދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުަހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޒަންގް ލިޒޯންގް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ވީހާވެސް އަވަހަކަށް ކޮރޯނާވައިރަސްއިން ޗައިނާގެ ރައްޔިތުންނަށް ޝިފާއެއް ލިބި ރޯގާއިން ސަލާމަތްވުން އެދޭ ކަމަށެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލްކޮށް، ބަލިޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގެ ތަފްސީލު ޗައިނާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ހިއްސާކުރެއްވިއެވެ. ސަފީރުގެ ވާހަކަފުޅުގައި، އަލަށް މި ރޯނގާޖޭހޭ މީހުންގެ ޢަދަދު ވަރަށް ބޮޑުތަނުން މަދުކަން ފާހަގަކުރައްވައި މި ރޯނގާއިން ފަސޭހަވާ މީހުންގެ ޢަދަދުވެސް ވަރަށް ބޮޑު ތަނުން އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މި ރޯނގާގައި މަރުވަނީ ނުވަތަ ފުރާނައަށް ގެއްލުންވާ މިންވަރަށް ކަންތައް ދަނީ ވަރަށް މަދު ބަޔަކަށްކަން ސަފީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި އަދުގެ ބައްދަލުވުގައި ރާއްޖެއާއި ޗައިނާއާ ދެމެދުއޮތީ ވަރަށް ގާތް ގުޅުމެއްކަން ފަހަގަކުރައްވައި، ކުރިއަށްއޮތް ތަނުގައި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.