ރައީސް ޔާމީންގެ ޖަލު ހުކުމް ދަމަހައްޓަން ހައި ކޯޓުން ތާއީދު ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ބުރާސްފަތި , 21 ޖެނުއަރީ 2021 | 15:24

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ދަމަހައްޓަން ހައި ކޯޓުން ތާއީދުކޮށްފި އެވެ.

ހައި ކޯޓުން އެގޮތަށް ނިންމީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ޝަރީއަތް ދިގު ދެމިގެން ދިޔުމަށްފަހު މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގަ އެވެ.

މިމައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި 75 އިސްތިއުނާފު ނުކުތާއެއް ފާހަގަކުރި އެވެ. މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގައި އިންނެވި މުހައްމަދު ނިޔާޒު ވިދާޅުވީ 75 ނުކުތާ ހުށަހަޅާފައި އޮތް ނަމަވެސް ގިނަ ނުކުތާތަކެއް ތަކުރާރުވެފައިވުމުގެ ސަބަބުން، މައްސަލަ ދިރާސާކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ ޝަރީޢަތް ދިގުލައިގެން ގޮސްފައިވާ ކަމަށާއި، ވަކީލުން ހުށަހަޅާ ހުށަހެޅުންތައް ވީހާވެސް ސާފުކޮށް ހުށަހެޅަންޖެހޭ ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރެއްވި ނުކުތާ ތަކުގެ ތެރޭގައި މައްސަލައިގެ އެންމެ މުހިންމު ތިން ހެކިންގެ ހެކި ބަސް ބަލައިނުގަނެވޭނެ ކަމަށާއި އެކަމުގެ ސަބަބުތައް ވަނީ ބަޔާން ކޮށްފަ އެވެ. އެގޮތުން އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު ވަނީ ހެކި ބަސް ދެއްވަމުން ދޮގު ހަދާފައި ކަމާއި އެ ހެކި ބަސް ބަލައިގެނެގެން ނުވާނެ ކަމަށް ފާހަގަކޮށްފައި ވެއެވެ. ރައީސް ޔާމީނާއި ބައްދަލު ކުރެއްވި ކަމަށް މުއައްވިޒު ވިދާޅުވިއިރު އެކަމަށް ރައީސް ޔާމީނާއި އެ ބައްދަލުވުމުގައި ދެން ބައިވެރިވި ހަސަން ލުތުފީ އިންކާރު ކުރާތީއާއި އެބައްދަލުވުމުގެ އެއްވެސް ލިޔުމެއް ނެތުމުން އެ ބައްދަލުވުން އޮތް ކަމަށް ނުބެލެވޭނެ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި އަދީބަކީ ދެ ފާސިގުން ކަމަށްވާއިރު އެމީހުންގެ ހެކި ބަސް ބަލައިގަނެގެން ނުވާނެ ކަމަށެވެ. އެގޮތުން ޒިޔާތު ހެކި ބަސް ދެމުން ދައްކާފައިވާ ވާހަކަތަކާއި އޭގެ ކުރިން އެކި ގޮތްގޮތުން ނެރެފައިވާ ބަޔާންތަކާ ފުށުއެރުންތައް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ.

ނަމަވެސް، އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުވެ ނެރުއްވި ރައުޔުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ހާލަތެއް އޮތް ކަމަށާއި، އެ ފައިސާއިން ރައީސް ޔަމީން ފައިދާ ހޯއްދަވާފައިވާކަން އެނގެން އޮންނަ ކަމަށް، އަދި ކުށުގެ ދައުވާގެ ފުރަތަމަ އުންސުރު ސާބިތުވާ ކަމަށެވެ.