ރައްޔިތުން ތިބީ ކައުންސިލް އިންތިހާބުވެސް އެމްޑީޕީއަށް ދިނުމުގެ ވިސްނުމުގައި - ރައީސް

އެމްޑީޕީން މިއަދު ކުރިއަށް ގެންދިޔަ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރާކާތް
އެމްޑީޕީން މިއަދު ކުރިއަށް ގެންދިޔަ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރާކާތް
ހޮނިހިރު , 15 ފެބްރުއަރީ 2020 | 11:23

ރައްޔިތުން ތިބީ ކައުންސިލް އިންތިހާބުވެސް އެމްޑީޕީއަށް ދިނުމުގެ ވިސްނުމުގައި ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެޕާޓީން ވާދަކުރާ ކެންޑިޑޭޓުން ޕްރޮމޯޓްކުރުމަށް ކެމްޕެއިން ޕޯސްޓަރު ހަރު ކުރުމުގެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސާލިހް ވިދާޅުވީ، އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުން ތިބީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުގައި ކަން ހިނގާ މިސްރާބަށް އެ ދިމާއަށް ދަތުރު ކުރަން ވިސްނައިގެން ކަމަށާއި އެހެންކަމުން ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބުކުރާނީ އެއަށް ވުރެ ބޮޑުކޮށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީން މިއަދު ކުރިއަށް ގެންދިޔަ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތުގައި އެޕާޓީގެ ފަރާތްތުން މާލޭގެ ދާއިރާތަަކަށް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އިތުރުން އެޕާޓީއަށް ނިސްބަތް ގިނަ އަދަދެއްގެ މަޖިލީހުގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގިނަ ގޮނޑިތަކެއް އެމްޑީޕީން ކާމިޔާބު ކުރި އިރު ލޯކަލް ކައުންސިލް އިންތިހާބުގައި އެޕާޓީއަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ރައްޔިތުންގެ ވޯޓުން ކޮންމެ ކަމެއް ކޮންމެ ގޮތަކަށްވެސް ބަދަލުވުން ވަރަށް ގާތެެވެ. އެހެންވީމާ ކައުންސިލް އިންތިހާބުގެ އަގުލަބިއްޔަތު ލިބޭނެ ބަޔަކު އެނގިގެންދާނީ އެޕްރީލް 4 ގައި އޮންނަ އިންތިހާބަށް ފަހުއެވެ.